29 Dec 2016, 17:37
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗަކަށް މެސެޑޯނިއާގެ މަރްޔަން ސެކުލޮވްސްކީ ހަމަޖައްސައިފި އެވެ.
މާޒިޔާގެ ކޯޗަކަށް ސެކުލޮވްސްކީ ހަމަޖެއްސިކަން ކަށަވަރުކޮށްދިން އިރު، އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި ހަމަޖެއްސި ފުރަތަމަ ބިދޭސީ ކޯޗެވެ.
ސެކުލޮވްސްކީ އަކީ މިޔަންމާގެ ކަލްބުތަކަކަށް ކާމިޔާބު ހޯދައިދިން ކޯޗެކެވެ. އޭނާ ވަނީ މިޔަންމާގެ އަޔެޔަވަދީ އަދި ޔަންގޮން ޔުނައިޓެޑަށް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މިޔަންމާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗަކީ ވެސް ސެކުލޮވްސްކީ އެވެ.
ސެކުލޮވްސްކީ ވަނީ ދެ ފަހަރެއްގެ މަތިން އަޔެޔަވަދީ އަށް އިރުޝާދުދީފަ އެވެ. އެ ކްލަބާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، އޭނާ ވަނީ އަޔެޔަވަދީ އަށް ވިދިވިދިގެން ތިން ސީޒަންގައި މިޔަންމާ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިއަހަރު ޔަންގޮން ޔުނައިޓެޑާ ހަވާލުވެ، އޭނާ ވަނީ އެ ކްލަބަށް މިޔަންމާ ނެޝަނަލް ލީގު އަދި މިޔަންމާ ނެޝަނަލް ކަޕްގެ ރަނަރަޕްކަން ހޯދައިދީފަ އެވެ.
އުމުރުން 43 އަހަރުގެ ސެކުލޮވްސްކީ މާޒިޔާއާ އަންނަ އަހަރު ހަވާލުވާ އިރު، އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ އަލީ ސުޒޭން އެވެ. މާޒިޔާއާ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅު ހަވާލުވި ސުޒޭން އިސްތިއުފާ ދީފައި ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވި މެޗަށްފަހު އެވެ.
މާޒިޔާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ސުޒޭން ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި، ޗެރިޓީ ޝީލްޑާއި، މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަދި 2014 ވަނަ އަހަރުގެ އެފްއޭ ކަޕް އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވެފައި ވަނީ އެ ކްލަބުގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްދިން ކޯޗަށެވެ.