މެނީލާ (ޑިސެމްބަރު 29): ކޮރަޕްޓު އޮފިޝަލުން ހެލިކަޕްޓަރަކުން ވައްޓާލާނެ ކަމަށް އިންޒާރު ދެއްވަމުން ކުރިން ވެސް އެފަދައިން އަމަލު ކުރެއްވި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ފިލިޕީންސްއަށް މިހަފްތާ ތެރޭ އެރި ވަރުގަދަ ތޫފާނުގެ އަސަރު ކުރި އަވަށަކަށް ވަޑައިގެން ދެއްވި ތަގުރީރެއްގައި ޑުޓާޓޭ އެފަދައިން ވިދާޅުވެފައި ވަނީ އެ އަވަށަށް ސަރުކާރުން ދޭ އެހީ އެއްވެސް ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކޮށްފި ނަމަ ލިބޭނެ އަދަބާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"ކޮރަޕްޓް އޮފިޝަލުން މެނީލާއަށްދާ ހެލިކަޕްޓަރަކަށް އަރުވައި، އޭގެއިން ވައްޓާލާނަން. މީގެ ކުރިންވެސް އެގޮތަށް އަމަލު ކުރިން، ވީމާ ދެން އެގޮތަށް އަމަލު ނުކުރަންވީ ކީއްވެ؟" ޑުޓާޓޭ ވިދާޅުވި އެވެ.

ނަމަވެސް އަންގާރަ ދުވަހު އެފަދައިން ވިދާޅުވުމަށްފަހު މިއަދު ފިލިޕީންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޑުޓާޓޭ ވަނީ އެފަދަ ކަމެއް ކުރެއްވި ނަމަ އެކަމަށް އިއުތިރާފު ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފިލިޕީންސްގެ މީޑިއާތަކުގައިވާ ގޮތުން ޑުޓާޓޭ، ހެލިކަޕްޓަރަކުން ވައްޓާލި މީހަކީ، މީހަކު ރަހީނުކޮށްގެން އުޅުނު މީހެއް ކަމަށް ތުހުމަތު ކުރެވެ އެވެ.

މީގެ ކުރިން ޑުޓާޓޭ ވަނީ ފިލިޕީންސްގެ ދަވާއޯގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ތިން މީހަކު މެރި ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. އޭގެ ސަބަބުން އދން ވަނީ އެ މައްސަލަ ބެލުމަށް ފިލިޕީންސްގެ ޖުޑީޝަރީއަށް ގޮވާލާފަ އެވެ. (ބީބީސީ)