20 Jun 2011, 18:02
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް ނުވަތަ ގުޑްސް އެންޑް ސާވިސަސް ޓެކްސް )ޖީއެސްޓީ( ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުންގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅަން ފަށާފައިވާ އިގްތިސާދީ ޕެކޭޖުގެ ދަށުން މިއަދު މަޖިލީހަށް ޖީއެސްޓީ ނެގުމުގެ ބިލް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ސިޔާސަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މުޅިން އާ އިގްތިސާދީ ބިންގާ އަޅަން ފަށާފައިވާ ކަމަށާއި އެ ބިންގަލުގެ އެންމެ މުހިއްމު އެއް ތަނބަކީ ޓެކްސްގެ ނިޒާމް ކަމަށް ވިދާޅުވި އެވެ. އަދި ޓެކްސް ނެގުމުގެ ބޭނުމަކީ އިމްޕޯޓް ޑިއުޓީ ކަނޑާލުން ކަމަށާއި އެކަން ކުރުމަށްޓަކައި ޖީއެސްޓީގެ ގޮތުގައި ފަސް ޕަސެންޓްގެ ޓެކުހެއް ނެގުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން މިއަހަރު ނިމިގެންދާ އިރު، 1.4 ބިލިއަން ރުފިޔާ ދައުލަތުގެ އާންދަނީގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ. އަދި 2012 އަހަރު 3.2 ބިލިއަން ރުފިޔާ ލިބިގެންދާއިރު، 2013 އަހަރު 4.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ އާމްދަނީ މި މަގަށް އިތުރުވެގެންދާދިއުމަކީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ފާސް ބޯފެނާއި ނަރުދަމާ އާއި ރަގަނޅު ފެންވަރުގެ މަގުތަކާއި ބަދަލުތައް ހެދި މިގައުމުގެ އިގްތިސާދު އެތައް ތަނަކުން ކުރިއަރާދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ފަތުރުވެރިގެ އަތުން ޓީޖީއެސްޓީ )ޓުރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް( އެއް ނަގައި ރައްޔިތުންނަށް ލާބަ ދިނުމަކީ ސަރުކާރުގެ މަގުސަތެއް،" އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ހުށަހެޅުއްވި ޖީއެސްޓީ ބިލް ހުށަހަޅާފައި ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވިޔަފާރި އާއި ހިދުމަތުގެ އަގުން ފަސް ޕަސެންޓްގެ ޖީއެސްޓީއެއް ނަގާ ގޮތަށެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުން ފެށިގެން ހަ ޕަސެންޓަށް އިތުރުކޮށް 2013 އިން ފެށިގެން 10 ޕަސެންޓަށް އިތުރުކުރުމަށް ވެސް ވަނީ ބިލުގައި ހުށަހަޅައިފަ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި 10 ޕަސެންޓް ނަގަން ފެށުމުން މިހާރު ބެޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގަމުން އަންނަ އަށް ޑޮލަރު ނެގުން ހުއްޓާލާނެ ކަމަށް އަސްލަމް ބިލް ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ހުށަހެޅުއްވި ޖީއެސްޓީ ބިލްގެ ބަހުސްގެ މަރުހަލާގައި އިދިކޮޅު މެންބަރުން ޓެކްސް ނެގުމަށް ތާއިދު ކުރެއްވި އެވެ. ނަމަވެސް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ޓެކްސްގެ ފައިސާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމާ މެދު މެންބަރުން ސުވާލު އުފައްދާފައިވެ އެވެ.