29 Dec 2016, 16:05
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދެމުންދާ އެކްސެލް އިންޓަނޭޝަނަލް ސްކޫލް (އީއައިއެސް)ގެ ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް 40 ސްކޮލަޝިޕް ފުރުސަތު ދީފި އެވެ.
އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ މުއައްސަސާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އީއައިއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ އެސިސްޓަންޓް ޕްރިންސިޕަލް މަރިޔަމް ހަބްލާ އެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑަމިކް ހައްވާ ލަތީފް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑަމިކް ހައްވާ ލަތީފް ވިދާޅުވީ، އެ އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީގައި ހިންގާ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމުގައި ކިޔެވުމަށް އަހަރަކު 40 ސްކޮލޮޝިޕް ފަހިކޮށްދީ، އެ ޕްރޮގްރާމްގެ ކޯސް ފީ އީއައިއެސްގެ ފަރާތުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ހައްވާ ލަތީފް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، އެ ސްކޮލޮޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އައިޔޫއެމްގައި ހިންގާ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމްތަކާއި ބެޗެލާ އޮފް އެޑިއުކޭޝަން (ޕްރައިމަރީ) ޕްރޮގްރާމުގެ ކިޔަވައިދިނުމުގެ އަަމަލީ ތަޖުރިބާ، ޖާގަ އޮތް މިންވަރަކުން އީއައިއެސްގައި ކުރިއަށް ގެންދިއުުމުގެ މަގު ތަނަވަސްކޮށް ދެވޭނެ އެވެ.
އަދި އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ މުވައްޒަފުންގެ ފަންނީ ކުރިއެރުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި އީއައިއެސްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށް ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ދެ ފަރާތުން ގުޅިގެން ބޭނުންތެރި މުހިންމު ރިސާޗް ސެމިނަރުތަކާއި ވޯކްޝޮޕްތައް ބޭއްވުން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.
އޭގެ އިތުރުން، އީއައިއެސްގެ ޓީޗަރުންނަށާއި މުވައްޒަފުންނަށް ނޮލެޖް އިންޓަގްރޭޓް ކުރާނެ ގޮތްތަކުގެ މައުލޫމާތާއި ހުނަރު ދަސްކޮށްދޭ ކުދި ވޯކްޝަޕްތަކާއި އީއައިއެސް އަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހިންގުމަށް އެއްބަސްވެފައިވެ އެވެ.