ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކަކާ އެކު ކޮކާކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ފައްޓަވައި ދެއްވީ ކޮކާކޯލާގެ ޖެނެރަލް މެނޭޖާ އޮފް ކޯޕަރޭޝަންސް މިލިންދް ދެރާސަރީ އެވެ.

ކޮކާކޯލާގެ ޓޭސްޓް ދަ ފީލިން ޕްރޮމޯޝަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޕްރޮމޯޝަން ލޯންޗު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިލިންދް ދެރާސަރީ ވިދާޅުވީ އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވޭ 27 ފަރާތަކަށް، އިތުރު ފަރާތަކާ އެކު ބެންކޮކް ދަތުރެއް ލިބޭނެ ކަމަށެވެ. އެ ދަތުރަކީ ކޮކާކޯލާ އިން ހުރިހާ ހަރަދެއް ކޮށްދޭގޮތަށް ދޭ ދަތުރެކެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި ހުރުމާ ކެއުން އަދި އިތުރު ދަތުރުފަތުރުތައް ހިމެނެ އެވެ.

އޭގެ އިތުރުން 18 ބޭފުޅަކަށް "ޕާޓީ ވިތު ކޯކް"ގެ ވަރަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެއް އަހަރު ވަންދެން ކޮންމެ ހަފްތާއަކު 1.25 ލީޓަރުގެ ކޮކާކޯލާ ކޭހެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮކާކޯލާގެ ޓޭސްޓް ދަ ފީލިން ޕްރޮމޯޝަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ކޯކް ފުޅިއެއް ގަތުމަށްފަހު، އެ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކުރާނީ އެވެ. އެހިސާބުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ. ޕްރޮމޯޝަނަށް ހާއްސަ ކޯކުފުޅިތަކަކީ 300 އެމްއެލް، 500 އެމްއެލް އަދި 1.25 ލީޓަރުގެ ކޯކުފުޅިތަކެވެ.

ޕްރޮމޯޝަނަށް ހާއްސަ ކޯކުފުޅިތައް ހުންނާނީ ރަންކުލައިގެ މަތިގަނޑުތަކެއް ޖަހައިފަ އެވެ. ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުން ކުރިއަށްދާނީ، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ރެއަކު 9:00 ގައި ޓީވީއެމް އިން ދައްކާ ލައިވް ޕްރޮގްރާމެއްގަ އެވެ.

ކޮކާކޯލާ ޓޭސްޓް ދަ ފީލިން ޕްރޮމޯޝަނަށް ހާއްސަ ކޮށްފައިވާ ކޯކް ފުޅި --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކޮކާކޯލާ އިން އަންނަނީ އަގުހުރި އިނާމުތައް ލިބޭ އެތަކެއް ޕްރޮމޯޝަނެއް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން ނަސީބުވެރިންނަށް ޕެރިސް ފަދަ ތަންތަން ބަލައިލުމުގެ ފުރުސަތާއި ވޯލްޑްކަޕް ބަލާލާން ދިއުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ދީފަ އެވެ.