29 Dec 2016, 14:36
ހުޅުމާލޭން ގަނެފައިވާ ގޯޗެއްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާފައިވާ އެ މައްސަލަ ފެށޭ މަހުގެ ދެވަނަ ދުވަހަށް ސިވިލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުން ޑރ. ޖަމީލު ކުރި ދައުވާގައި ބުނެފައި ވަނީ ހުޅުމާލޭގައި ހަސަން ސައީދުގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ގޯއްޗަކީ އޭނާގެ ވެސް ބައިވެރިވުމެއް އޮތް ގޯއްޗެއް ކަމަށެވެ. އެއީ ޖަމީލް ފައިސާ ދައްކައިގެން ގަނެފައިވާ ގޯއްޗެއް ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ގޯއްޗަކީ އޭނާގެ ގޯއްޗެއް ކަމުގައި ކަނޑައަޅައި ދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ރެޖިސްޓްރީ ކޮށްފައި ވަނީ ހުޅުމާލޭ ޑިވިޝަންގަ އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ މި އަހަރުގެ ތެރޭގަ އެވެ.
އެމައްސަލައާ ގުޅިގެން ހަސަން ސައީދު ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ މައްސަލައެއް އުޅޭތޯ ސުވާލު ކުރުމުން ހަސަން ސައީދު ވިދާޅުވީ "އަޅުގަނޑަށް އެނގިފައި ނެތް" ކަމަށެވެ.
ހަސަން ސައީދު އާއި ޖަމީލްއަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. އެދެބޭފުޅުން ގުޅިގެން ރާއްޖެ ޗަމްބާސް ކިޔާ ލޯ ފާމެއްވެސް އުފައްދާފައިވެ އެވެ. އަދި ސިޔާސީ މައިދާނުގައި ވެސް މީގެ ކުރިން ދެބޭފުޅުން އެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވެ އެވެ.