29 Dec 2016, 18:46
ދައުލަތަށް ފީއެއް ދައްކައިގެން ކުންފުނިތަކަށް ދައުލަތުގެ ފަރާތުން ސޮވެރިން ގެރެންޓީ ދޭ ގޮތަށް ހަމަޖައްސައި، "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު" އެކުލަވާލައިފި އެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން، ގެރެންޓީ ދޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓުރީކޮށްފައިވާ ކުންފުނިތަކަށެވެ. އަމިއްލަ ފަރާތްތަކަށް ގެރެންޓީއެއް ނުދޭނެ އެވެ.
އުސޫލުގެ ދަށުން ގެރެންޓީ ދެވޭނީ ޓުއަރިޒަމް ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ހިންގާ ސޯޝަލް ހައުސިންގް މަޝްރޫއުތަކާއި އަދި ސަރުކާރުން އިސްކަން ދިނުމަށް ނިންމާފައިވާ މިނޫން ވެސް މަޝްރޫއުތަކަށް ނަގާ ލޯނުތަކަށެވެ. ނަމަވެސް މި ލޯނުތަކުގެ އިފެކްޓިވް އިންޓަރެސްޓް ރޭޓް ހަތަރު ޕަސަންޓަށް ވުރެ މަތިވެގެން ނުވާނެ އެވެ.
އުސޫލުގައި ބުނެފައި ވަނީ، ގެރެންޓީއަށް ހުށަހަޅާ ކުންފުނިން ސަރުކާރުގެ އެއްވެސް އިދާރާއަކަށް، ނުވަތަ އެއްވެސް މާލީ އިދާރާއަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮވެ، އަދި އެ ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާ ނަމަ އެ ފަރާތަކަށް ގެރެންޓީ ދޫނުކުރެވޭނެ ކަމަށެވެ. އަދި ޝަރުއީ ހުކުމަކާ، ނުވަތަ ދަރަންޏަކާ ގުޅިގެން ވެސް އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ އޮވެއްޖެ ނަމަވެސް ގެރެންޓީ ނުދެވޭނެ ކަމަށް އުސޫލުގައިވެ އެވެ.
އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ، ގެރެންޓީ ދޫކުރުމުގެ ލިމިޓު ކަނޑައަޅާނީ، ކުންފުނީގައި ސަރުކާރުގެ ހިއްސާ އޮތް މިންވަރާއި، ކްރެޑިޓު ރިސްކާއި، ލޯނު ނަގައިގެން ހިންގާ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ރިޢާއަތް ކުރުމަށްފަހުއެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތާއި، ސަރުކާރުގެ މާލީ ފުދުންތެރިކަން ހުރި މިންވަރާއި، ގެރެންޓީ ދޫކުރުމުން މާލިއްޔަތަށް ކުރާނެ އަސަރަށް ވެސް ރިއާޔަތް ކުރާނެއެވެ.
މީގެ އިތުރުން، ގެރެންޓީ ދޭނަމަ ސަރުކާރަށް އޮތް ރިސްކު މާ ބޮޑު ކަމަށް ސަރުކާރަށް ފެނިއްޖެ ހާލަތެއްގައި، ގެރެންޓީއަށް ކުންފުނިން ސެކިއުރިޓީއެއް ވެސް ހުށަހެޅުމަށްވެސް ސަރުކާރަށް ޝަރުތުކުރެވޭނެ އެވެ.
އުސޫލުގައިވާ ގޮތުން، ދައުލަތުގެ ނަމުގައި ކޮންމެ އަހަރަކު، ޖުމްލަކޮށް ގެރެންޓީ ކުރެވޭނެ ލިމިޓު ކަނޑައަޅައި، އެ ލިމިޓު ފިނޭންސް މިނިސްޓަރު އިއުލާން ކުރައްވަން ޖެހެ އެވެ.
އުސޫލުގައި ބުނަނީ، ސަރުކާރުން ގެރެންޓީ ދޭނީ ފީއެއްގެ ގޮތުގައި، ގެރެންޓީ ކުރެވޭ އަދަދުގެ އެއް ޕަސަންޓު ސަރުކާރަށް ދައްކައިގެންނެވެ. އެ ފީ ދައްކަންޖެހޭނީ، ގެރެންޓީގެ މުއްދަތުގައި އެންމެ ފަހަރަކު، ފިނޭންސް މިނިސްޓްރީއަށެވެ.
ގެރެންޓީއަށް އެދޭ ކުންފުނިތަކުގެ ހުށަހެޅުންތައް ފިނޭންސް މިނިސްޓްރީން، އޮޑިޓު ފާމެއް މެދުވެރިކޮށް އިވެލުއޭޓް ކުރާ އިރު، އެ އިވެލުއޭޝަން ހެދުމަށް ހިނގާ ޚަރަދަށް އެ ކުންފުނިން ޒިންމާވާން ޖެހެއެވެ.
އަދި ގެރެންޓީ ދޫކުރުމަށް ފަހު، އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި، ގެރެންޓީ ކޮށް ދޭ ލޯނުގެ 0.25 ޕަސަންޓު، ކޮންމެ އަހަރަކު ސަރުކާރަށް ކުންފުނިން ދައްކަން ޖެހެ އެވެ.