އާ އަހަރު ފާހަގަކުރުމަށް މަޝްހޫރު ގިނަ ތަރިންނާއި ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއަށް އަންނަމުންދާއިރު އެންމެ ފަހުން މި ލިސްޓަށް އިތުރުވި ކުޅުންތެރިޔަކީ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭ ޕިރްލޯއެވެ.

'ސަން އަށް އެނގިފައިވާ ގޮތުގައި އާއިލާ އެކު ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ހެނދުނު ޕިރްލޯ އައީ އީކޭ 656 ފުލައިޓުންނެވެ. އެހެން ނަމަވެސް ޕިރްލޯ ރާއްޖޭގައިި ހޭދަކުރާނީ ކިހާ ދުވަހެއް ކަމެއް އަދި އޭނާ ދިޔައީ ކޮން ރިސޯޓަކަށް ކަމެއް ކަށަވަރުވާގޮތެއް ނުވި އެވެ.

އުމުރުން 37 އަހަރުގެ ޕިރްލޯ އަކީ 2002 ވަނަ އަހަރުން ފެށިގެން އިޓަލީގެ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ. ނަމަވެސް އިޓަލީގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ މި އަހަރު ބޭއްވި ޔޫރޯއަށް ނެގި ސްކޮޑުން ޕިރްލޯ ވަނީ ބައިކީކޮށްފަ އެވެ. އޭނާ އަށް އެންމެ ފަހުން ފުރުސަތު ލިބުނީ ސެޕްޓެމްބަރު މަހު ކޮލިފައިންގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުންނެވެ.

އިޓަލީގެ ގައުމީ ޓީމްގެ އިތުރުން އޭސީ މިލާން އަދި ޔުވެންޓަސްގައި ވެސް ޕިރްލޯ ވަނީ އޭނާގެ މޮޅު ކުޅުން ދައްކައިފަ އެވެ. އަދި ޔުވެންޓަސް ދޫކޮށް ޕިރްލޯ މިހާރު ކުޅެމުން ދަނީ އެމެރިކާގެ ނިއުޔޯކް ސިޓީ ކްލަބަށެވެ.

ޕިރްލޯގެ އިތުރުން މީގެ ކުރިން ވަނީ އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ބެކެމްގެ އާއިލާ އާއި ހޮލެންޑްގެ އާޖެން ރޮބެން ވެސް ރާއްޖެ އައިސްފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވަނީ އިޓަލީ ގައުމީ ޓީމްގެ ޑިފެންޑަރު ޑެނިއަލް ޑި ރޮސީ އާއި ރޯމާގެ މިޑްފިލަޑަރު ފްރެންސިސްކޯ ޓޮޓީ އާއި އެކު ޔޫރަޕްގެ މަޝްހޫރު 13 ކުޅުންތެރިޔަކު ވެސް ރާއްޖެ އައިސްފަ އެވެ.