ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ރޫޅެމުންދާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދެއްނެތެވެ. އަދި އެކޯޓުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމުތަކުން ވެސް ގެންދަނީ އެކޮންވެންޝަނުން ވަކިވަމުންނެވެ. މިއާ އެކު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޝަރްއިއްޔަތާ މެދު މިހާރު ސުވާލުތައް އުފެދިފައިވާ ކަމަށާއި އެ ކޯޓު މާގިނަ ދުވަހަށް ދެން ދެމިއޮންނާނެ ކަމާމެދުވަނީ ޝައްކު އުފެދިފައި ކަމަށް މިރިޕޯޓް ބުނެ އެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަކީ ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުންނާއި ވަކިވަކި ފަރުދުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ތަހްގީގްކޮށް އެމައްސަލަތަކުގައި ކުށް ސާބިތުވާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް އިއްވުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން އެކުލަވާލި ކޯޓެކެވެ. އެކޯޓު ވުޖޫދަށް އައީ ރޯމް ކޮންވެންޝަންގެ ދަށުންނެވެ. ނަމަވެސް މި މުއާހަދާގައި ސޮއިކުރި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އިހްތިރާމެއް ނުކުރެ އެވެ. އަދި އެކޯޓުގެ އަމުރުތައް ތަންފީޒެއް ވެސް ނުކުރެ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން

މީގެއިތުރުން އެމެރިކާ ފަދަ ބާރުގަދަ ދައުލަތްތައް އެކޯޓުގެ މުއާހަދާގައި ބައިވެރިއެއް ވެސް ނުވެ އެވެ. އަދި އެކޯޓުގެ މުއާހަދާގައި ސޮއިކުރި ރަޝިޔާ ވެސް ދާދިފަހުން ވަނީ އެމުއާހަދާއިން ވަކިވެފަ އެވެ. ރަޝިޔާގެ އިތުރުން އެމުއާހަދާގައި ސޮއިކޮށްފައިވާ އެތައް ގައުމަކުން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އެމުއާހަދާއިން ވަކިވެފައިކަން ވޮޝިންޓަން ޓައިމްސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރޯމް މުއާހަދާއިން ވަކިވެއްޖެ ނަމަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަމުރެއް އެގައުމަކަށް ނުހިނގާނެ އެވެ. ދެން އެގައުމެއްގެ މައްސަލަ އެކޯޓަށް ހުށަހެޅޭނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން އެގައުމެއް ކުށްވެރިވާ ކަމަށް ނިންމައި އެމައްސަލަ ސަލާމަތީ މަޖިލީހުން އެކޯޓަށް ހުށަހެޅުމުންނެވެ. ސަލާމަތީ މަޖިލީހަކީ ގިނަ ގައުމުތަކަކަށް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ މަޖިލީހަކަށްވާތީ މިފަދަ ގަރާރެއް އެމަޖިލީހުން ފާސްކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއްނޫންކަން މާޒީގެ ތަޖްރިބާތަކުން ވަނީ ހާމަވެފަ އެވެ.

މިފަހަކަށް އައިސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ގެ މުއާހަދާއިން ވަކިވި ގައުމުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން ނެމީބިޔާ، ޔުގަންޑާ، ކެންޔާ، ދެކުނު އެފްރިކާ، ބުރުންޑީ، ރުވަންޑާ، ގެންބިޔާ އަދި ފިލިޕީންސް ހިމެނެ އެވެ. މީގެ އިތުރުން އެފްރިކާގެ ބައެއް ގައުމުތަކާއި ކެރީބިޔަންއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަނުން ވަކިވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މިރިޕޯޓް ބުނެ އެވެ.

އެއްވެސް ގައުމެއް ރޯމް ކޮންވެންޝަނުން ވަކިވުމަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު ގެ ޝަރްއިއްޔަތާމެދު އެތަކެއް ސުވާލު އުފެދި އެކޯޓުގެ ހައިބަތާއި ގަދަރު ވެއްޓިގެންދާ ކަމެއްކަމަށް ވޮޝިންޓަން ޓައިމްސް ގެ ރިޕޯޓް ބުނެ އެވެ.

ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމުތަކުގެ އަދަދު 60 އަށް ވުރެ މަދުވެއްޖެ ނަމަ ބައިނަލްއަގްވާމީ ޖިނާއީ އުވިގެންދާނެ އެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ބައިވެރިވުމަށް ދުނިޔޭގެ ގައުމުތަކުން ޖެހިލުންވަނީ އެގައުމުތަކުގެ ސަރުކާރުތަކުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޒިންމާ އެ ގައުމުތަކުގެ ވެރިންނާއި ސިފައިން ފަދަ ފަރާތްތައް ނަގަންޖެހި އެކޯޓުން އެފަރާތްތަކާ ދެކޮޅަށް ހުކުމެއް އަތުވެދާނެތީ އެވެ.

އެމެރިކާ އާއި އިސްރާއީލު ވެސް އެކޯޓު ދެކެ ބިރުގަންނަނީ އެހެންވެ އެވެ. ދުނިޔޭގެ ފެންވަރުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އެމެރިކާއާއި އިސްރާއީލާއި ރަޝިޔާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. މިފަހަކަށް އައިސް ސޫރިޔާ ވެސް ވަނީ މިލިސްޓަށް އަރާފަ އެވެ. ސޫރިޔާއަކީ ވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރެއް ނޫނެވެ.

އެމެރިކާ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ބައިވެރިވުމަށް ދެކޮޅު ހަދަނީ އެމެރިކާ އިން އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަކޮށް އެދެގައުމުގެ އެތަށް ލައްކަ ބަޔަކު މަރާލި ޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އުފައްލަވަން ޖެހި ވަޑައިގަންނަވަން ޖެހިދާނެތީ އެވެ. މިޖަރީމާތަކުގެ ޒިންމާ އެމެރިކާ ސިފައިންގެ އެތައް ބަޔަކު ވެސް ނަގަންޖެހިދާނެ ކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރެ އެވެ.

އެހެންކަމުން އެމެރިކާ އެންމެ ފުރަތަމަވެސްވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް އެމެރިކާއަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެހެންގައުމުތަކުގެ ރައީސުން ޚާއްސަކޮށް ބަލިކަށި އެފްރިކާގެ ގައުމުތަކުގެ ރައީސުންގެ މައްސަލަތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ވަރަށް ބޮޑަށް ބާރުއަޅަމުން ގެންދާ ގައުމެކެވެ.

އެފްރިކާގެ ގައުމުތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވަމުންދަނީ ޖިނާއީ މައްސަލަތައް ބެލުމުގައި އެކޯޓުން އިންސާފު ނުގެންގުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. މިގޮތުން އެފްރިކާގެ ގައުމުތައް ނިކަމެތި ވުމުން ބައިނަލްއަގްވާމީ ޖިނާއީކޯޓުން އެފްރިކާގެ ގައުމުތަކުގެ ރައީސުންގެ މައްސަލަތައް ބަލާފައި ބާރުގަދަ ގައުމުތަކުގެ ރައީސުންގެ މައްސަލަތައް ދޫކޮށްލާކަމުގެ ތުހުމަތު އެފްރިކާގެ ގައުމުތަކުން އެކޯޓުގެ މައްޗަށް ކުރެއެވެ. (ވޮޝިންޓަން ޓައިމްސް)