އަލް ގުދުސް (ޑިސެމްބަރު 29): އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ދެއްވިއިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުށްވެރިކުރައްވައިފި އެވެ.

އިއްޔެ ދެއްވި ތަގުރީރެއްގައި ކެރީ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި މީހުން އާބާދު ކުރަމުން ދިޔުމުގެ ސަބަބުން، އެއީ ދެ ދައުލަތެއްގެ ގޮތުގައި ގާއިމުކޮށް، މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރަމުން އައި މަސައްކަތްތައް މިހާރު ނުރައްކަލެއްގެ ތެރޭގައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކެރީގެ ތަގުރީރަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ވަކި ފަރާތަކަށް ޖެހިވަޑައިގެން ކެރީ ދެއްކެވި ވާހަކަފުޅަކީ އިސްރާއީލާ ދެކޮޅަށް "ފަލަސްތީނުން ކުރިއަށްގެންދާ ޓެރަރިސްޓު ކެމްޕެއިނަށް ނުސީދާ ގޮތެއްގައި ނަމަވެސް ތާއިދު ކުރެއްވުން" ކަމަށް ވިދާޅުވެފަ އެވެ.

އަދި ފަލަސްތީނާއި އިސްރާއީލާ ދެމެދު ޖެހިފައިވާ މައްސަލައިގެ މުލަކީ އިސްރާއީލު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ފަލަސްތީނުން ދެކޮޅު ހެދުން ކަން ކެރީއަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގެދޮރު އެޅުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި އިރު އެމެރިކާ އިން އެގަރާރު ވީޓޯ ނުކުރުމުން އިސްރާއީލާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ.

ނަމަވެސް އަންނަ މަހު އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލަށް އޮތް އިހުތިރާމް ކުޑަ ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި އަންނަ މަހުގެ 20ގައި އޭނާ ވެރިކަމަށް ވަޑައިގަންނަވަންދެން އިސްރާއީލުން ހިތްވަރު ކުރުމަށް ގޮވާލައްވައިފަ އެވެ. (ބީބީސީ)