20 Jun 2011, 17:36
ހއ. ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ އެކު ގުޅުން ހިންގި ކަމަށް ބުނެ، ބަކަރިތަކުގެ ވެރިފަރާތާ ހަވާލާދީ މީޑިޔާ އަށް މައުލޫމާތު ދެއްވި މައްސަލާގައި ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފި އެވެ.
އެ ރަށު ދަނޑުވެރިޔަކު ގެންގުޅުނު ބަކަރިތަކަކާ އެކު ބަޔަކު ޖިންސީގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއް ދަނޑުވެރިއާ ކައުންސިލަށް ހުށަހެޅި މައްސަލައިގެ މައުލޫމާތު މީޑިޔާ އަށް ހިއްސާ ކުރިކަމަށް ބުނެ ޑީއާރުޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން ވިޖާންގެ މައްޗަށް މިއަދު ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގައި އެމްޑީޕީގެ ދެ ކައުންސިލަރުންނާއި ޑީއާރުޕީގެ ކައުންސިލަރަކު ވޯޓުދިނީ ވިޖާން މަގާމުން ދުރުކުރުމަށް ކަމަށް ކައުންސިލްގެ މެންބަރަކު ބުންޏެވެ. ނަމަވެސް ޑީއާރުޕީ އިތުރު މެންބަރު ވޯޓް ދެއްވީ ވިޖާން މަގާމުގައި ދެމިހުންނެވުމަށެވެ.
ވިޖާން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ވިޖާން އަކީ ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރަކަށްވީ އިރު އެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެއް ކަމަށް ފިއްލަދޫ ކައުންސިލުން ބުންޏެވެ.
ވިޖާން މަގާމުން ދުރުކުރި އިރު އިއްޔެ ފިއްލަދޫ ކައުންސިލުން ވަނީ ފިއްލަދޫގައި ބަކަރިތަކަކާ އެކު ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ މީޑިޔާގައި ހަބަރު ފެތުރީ ރައީސް ވިޖާން ދެއްވި މައުލޫމާތާއި ހިލާފަށް ކަމަށްބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.
މީޑިޔާގެ ރިޕޯޓުތަކާ ގުޅިގެން ފިއްލަދޫގެ ބަކަރިތައް ވަނީ ބަޔަކު މަރާލައިފަ އެވެ.
ފުލުހުން އަންނަނީ މިހާރު ބަކަރިތައް މަރާލި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފިއްލަދޫ ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ އެ ރަށުގައި ބަޔަކު ބަކަރިތަކަކާ އެކު ޖިންސީ ގުޅުން ނުހިންގާ ކަމަށާއި އެއީ ރައްޔިތުން ފަލީހަތް ކުރަން ފެތުރި ވާހަކައެއް ކަމަށެވެ.