29 Dec 2016, 09:50
ވޮޝިންޓަން (ޑިސެމްބަރު 29): އިސްރާއީލާ މެދު އިހުތިރާމް ކުޑަކުރަމުންދިޔުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އަންނަ މަހު އެމެރިކާގެ ވެރިކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އެގައުމުގެ ރައްޔިތުން އާބާދު ކުރުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އިޝާރާތް ކުރައްވައި ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ އެމެރިކާއަކީ ކުރިން އިސްރާއީލުގެ އެކުވެރިއަކަށްވީ ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި ދެގައުމުގެ މެދުގައި އޮތް އެއެކުވެރިކަން ނިމެން ފެށީ އީރާނާ އެކު އެމެރިކާ އިން ހެދި އެއްބަސްވުމާ އެކު ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޖެނުއަރީ 20ގައި އޭނާ ވެރިކަމުގެ ހުވާ ކުރައްވަން ދެން އިސްރާއީލުން ހިތްވަރު ކުރުމަށް ގޮވާލައްވާފަ އެވެ.
އީރާނާ އެކު އެމެރިކާ އާއި ދުނިޔޭގެ ބާރުތަކުން ހެދި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ކުޑަ ކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެއެއްބަސްވުމުގެ ދަށުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ހިތްވަރުދެވޭ ކަމަށާއި 30 އަހަރު ފަހުން މުއްދަތު ހަމަވާ އެއެއްބަސްވުމުގެ ސަބަބުން އީރާނުގެ ނިއުކްލިއާ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މައްސަލަ ލަސްކުރެވުނީ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ޓުވީޓާ ގުޅިގެން ނަތަންޔާހޫ ވަނީ ޓްރަމްޕްގެ "އެކުވެރިކަމަށާއި އިސްރާއީލަށް ކުރައްވާ ތާއިދަށް" އޭނާއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންގެ ތާއިދާއެކު މިދިޔަ ހަފްތާގައި ފާސްކުރި ގަރާރުގައި ވަނީ "އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގެދޮރު އެޅުން" ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި އެ ސަރަހައްދުތަކުގައި ގެދޮރު އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށާއި އެއީ ދެ ދައުލަތް ގާއިމުކޮށްގެން ސުލްހަ ގެނައުމަށް ހުރަސް އެޅޭ އަމަލެއް ކަމަށް ބުނެފަ އެވެ. އިސްރާއީލުން ވަނީ އެގަރާރަށް ބޯނުލަނބާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)