ދެހާސްސޯޅަ ވަނަ އަހަރަކީ ޖަލުތަކުން ކުއްލި ހަބަރުތައް ލިބުނު އަހަރެކެވެ. ސަބަބު ނޭނގި، ކުއްލިއަކަށް ސުރުހީތަކުން ޖާގަ ހޯދީ މަރުގެ ހަބަރެކެވެ. އެގޮތުން 2016 ވަނަ އަހަރު ޖަލުގައި ހަ މީހަކު ވަނީ މަރުވެފަ އެވެ.

މަރުގެތަކުގެ އަސްލު ހަގީގަތް ތަފްސީލީ ގޮތެއްގައި ދައުލަތުން ހާމަނުކޮށް ވަނިކޮށް، އަހަރު ނިމިގެން ދިޔައީ އެވެ. ގައިދީންގެ ހާލަތާމެދު ފާރަވެރިވާން ތިބި މުއައްސަސާތަކުން އެ ކަމުގައި މީޑިއާއަށް އަދި ބަހެއް ބުނެއެއް ނުލަ އެވެ. ގައިދީންނަކީ އިމްތިޔާޒުތަކެއް ލިބިގެންވާ ބައެކެވެ. މުއައްސަސާތަކުން ފާރަވެރި ވަނީ އެ މީހުންގެ ހައްގުތަކާ މެދުގަ އެވެ. ނަމަވެސް އެ ހައްގުގެ އަޑު މިއަދު މި ވަނީ މަޑުވެފަ އެވެ.

ޖެނުއަރީ 31، 2016: ސ. ހުޅުދޫ، ވިޝާހް އަލީގެ މަރު

ވިޝާހަކީ ވައްކަމުގެ މައްސަލައެއްގައި ފަސް އަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ. އޭނާ މަރުވިއިރު ހުކުމް ތަންފީޒު ކުރަމުންދާތާ ތިން އަހަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސުން ބުނީ އޭނާ މަރުވީ ހުން އައިސްގެން ޖަލު ޑޮކްޓަރަށް ދެއްކުމުން، މާލެއަށް ގެންދިއުމަށް އެންގުމުން އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އޭނާ މަރުވީ ލިވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖެއިން ބޭރުން ފަރުވާ ދޭން ނިންމާފައިވަނިކޮށެވެ.

ޖުލައި 13، 2016: މަރުވީ ފަރުވާގައި ހަތަރު މަސް ހޭދަކުރި ފަހުން

ސ. މަރަދޫ ލިލީގޭ އިބްރާހިމް ނާޒިހު މަރުވި އެދުމަތިކޮށްފައި އޮންނަތާ ހަތަރު މަސް ވީ ފަހުންނެވެ. އައިޖީއެމްއެޗުގައި އޭނާ އެޑްމިޓް ކުރީ މާޗް 28، 2016 ގަ އެވެ. ނިޔާވީ ޖުލައި 13، 2016 އެވެ.

އޭނާ ފަރުވާ ހޯދަމުން ދިޔަ ބައްޔެއްގެ ތަފްސީލެއް ކަރެކްޝަނަލްއަކުން ހާމައެއް ނުކުރެ އެވެ.

އޮގަސްޓް 30، 2016: ދޫނިދޫ ޖަލުގައި މީހަކު މަރުވުން

ފުލުހުންގެ ތަހުގީގީ ޖަލު، ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ ހ. ފިލިކުރިގެ މޫސާ ނައީމެވެ. އޭނާ މަރުވީ ދޫނިދޫ ގޮޅީގައި ހުއްޓައި ހާލު ބޮޑުވެގެން ފަރުވާން ދޭން އައިޖީއެމްއެޗަށް ގެންނަނިކޮށެވެ.

އޭނާ މަރުވާން ދިމާވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މުސާ ނައީމު ހައްޔަރުކުރީ ރާއްޖެ އަށް އަށް ކިލޯ މަސް ތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޖުލައި 9، 2016، އެވެ.

ސެޕްޓެމްބަރު 12، 2016: ހަރަކާތް ހުއްޓި، ވެއްޓި މަރުވީ ގޮޅިއަށް

އދ. ފެންފުށީ، އެއްގަމުގެ، އާދަމް އަލީ ގޮޅީގައި ބަންދުކޮށްފައި ހުއްޓައި ހަރަކާތް ހުއްޓި، ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ގެންދިޔައިރު އޮތީ މަރުވެފަ އެވެ. މަރުގެ އަސްލެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.

އޭނާ މަރުވި އިރު، ޝަރީއަތުން އޭނާގެ މައްޗަކަށް ކުށް ސާބިތުވި ކަމަކަށް ކަނޑައެއް ނާޅަ އެވެ. އޭނާ ބަންދުކޮށްފައި ހުރީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ، އެމްއީއެސް ފުރަގަހުގައި ހުންނަ ރިމާންޑް ސެންޓަރުގަ އެވެ.

އާދަމް އަލީ ހައްޔަރު ކުރީ ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގަ އެވެ. ކޯޓުން އަމުރުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބެހެއްޓުމަށެވެ.

ނޮވެމްބަރު 8، 2016: ޝަރީއަތް ނިމެންދެން ޖަލަށްލި މީހަކު މަރުވުން

ދ. ވާނީ، ހުސައިން ޒަރީރު މަރުވީ ހާލުބޮޑުވެގެން، އައިޖީއެމްޗްގައި ފަރުވާދޭން ފެށިތާ އެއް ދުވަސް ފަހުންނެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް، ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މިދިޔަ ޖެނުއަރީ 28ގަ އެވެ. އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ޑިސެމްބަރު 1، 2016: ފަތިސް ނަމާދަށް ގޮވިއިރު އޮތީ މަރުވެފައި

ޑިސެމްބަރު 1، 2016، ވަނަ ދުވަހުގެ ރޭ، ގައިދީންނަށް ފަތިސް ނަމާދަށް ގޮވި އިރު، ދަފްތަރު 9058، އަޙްމަދު ހަސަން އޮތީ މަރުވެފަ އެވެ. އޭނާ މަރުވީ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ.