ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް ފުރައިފި އެވެ.

ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް ރޭ ފުރި އިރު، އެ ޓީމަށް އަލްވަދާއު ކިޔުމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އާއި، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މެލޭޝިއާ އަށް ގައުމީ ކްރިކެޓް ޓީމު ފުރުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ބޭއްވި ހަފްލާގައި ގައުމީ ކްރިކެޓް ޓީމުގެ ޖާޒީއެއް މިނިސްޓަރު އިރުތިޝާމް އަށް ވަނީ ހަދިޔާ ކޮށްފަ އެވެ. ކްރިކެޓް ބޯޑުގެ ފަރާތުން އިރުތިޝާމް އަށް ޖާޒީ ހަވާލުކޮށްދެއްވީ އެ ބޯޑުގެ ރައީސް އަފްލާހު އެވެ.

ގައުމީ ކްރިކެޓް ޓީމަށް އަލްވަދާއު ކިޔުމަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް(ކ) ބައިވެރިވެ ވަޑައިގަންނަވަނީ: މެލޭޝިއާގައި ރާއްޖޭގެ ގައުމީ ޓީމުން ހަތް މެޗެއް ކުޅޭނެ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނީ، މެލޭޝިއާގެ އެ ދަތުރަކީ މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށް އެ ދަތުރުގެ ތެރެއިން ހަތް މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދަތުރަކީ އައިސީސީ ކްރިކެޓް ލީގުގައި ރާއްޖެ އިން ވާދަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ކްރިކެޓް ބޯޑުން ބުނެ އެވެ.

މެލޭޝިއާ އަށް ފުރި ގައުމީ ކްރިކެޓް ޓީމުގައި ހިމެނެނީ 17 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންނެވެ. އެގާރަ ދުވަހުގެ މުއްދަތަށް ކުރާ އެ ދަތުރުގައި ރާއްޖޭގެ ޓީމުން މެލޭޝިއާގެ ގައުމީ ކްރިކެޓް ޓީމާއި 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅޭނެ އެވެ.

ގައުމީ ކްރިކެޓް ޓީމަށް އަލްވަދާއު ކިޔުމަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް(ކ) ބައިވެރިވެ ވަޑައިގަންނަވަނީ: މެލޭޝިއާގައި ރާއްޖޭގެ ގައުމީ ޓީމުން ހަތް މެޗެއް ކުޅޭނެ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެލޭޝިއާ އަށް ފުރި ގައުމީ ކްރިކެޓް ޓީމު:

ކުޅުންތެރިން- އަހްމަދު ހަސަން (ކެޕްޓަން)، ހަސަން އިބްރާހިމް (ވައިސް ކެޕްޓަން)، ޝަފްރާޒް ޖަލީލް (ވައިސް ކެޕްޓަން)، މިހުސަން ހާމިދު، އަބްދުﷲ ޝާހިދު، އާދަމް ނާސިފް އުމަރު، އަހްމަދު އަމީލް މައުރޫފް، މުހައްމަދު ރިޝްވާން، މުހައްމަދު ޝަދުހާން، އިސްމާއިލް އަލީ، މުހައްމަދު އައްޒާމް، ހަސަން ހާޒިގް ރަޝީދު، އިބްރާހިމް މިފްތާހު، އިބްރާހިމް ރިޒާން، ނަޒުވާން ބަދީއު، މުއާވިޔަތު އަބްދުލް ޤަނީ، ޔޫސުފް އަޒްޔަން ފަރުހަތު.

އޮފިޝަލުން- އިމާދު އިސްމާއިލް (ހެޑް ކޯޗު)، ނިލަންތާ ކޫރޭ (ކޯޗު)، ނީޝާމް ނާސިރު (ކޯޗު)، މަހްމޫދު ރިޔާޒް (މެނޭޖަރު).