29 Dec 2016, 09:12
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ޓީމު އެނބުރި ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ގައުމީ ޓީމު ފޭބުމުން އެ ޓީމަށް މަރުހަބާ ކިޔުމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއާއި، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޔާގު އިބްރާހިމް އާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް އަދި އެ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމު އެނބުރި ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރާއްޖެ އިން އެ މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ނޭޕާލް އަތުން މޮޅުވެގެންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދި އިރު، ދެވަނަ ހޯދާފައި ވަނީ ކިރްގިސްތާނެވެ. އެ ހަތަރު ޓީމުގެ އިތުރުން ދެން މުބާރާތުގައި ވާދަކޮށްފައި ވަނީ އަފްޣާނިސްތާނެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމު އެނބުރި ރާއްޖެ އައުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ނޭޕާލް އާއި، ބަންގްލަދޭޝް އަދި ކިރްގިސްތާން އަތުން ރާއްޖެ ބަލިވި އިރު އަފްޣާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ މޮޅުވެފަ އެވެ. ތިން ވަނަ ހޮވާ މެޗަށް ރާއްޖެ ނުކުތީ ލީގު ބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖެ އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕްކަން ހޯދި ޓީމެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ ތުރުކުމެނިސްތާން އަތުންނެވެ.