ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ އެމްބާކޭޝަން ޓެކްސް، 2017 ވަނަ އަހަރު ފެށުމުން ބޮޑުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައި ވާތީ، އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކޮށްފި އެވެ.

ސްރީލަންކާގެ ސަރުކާރުން 2017 ވަނަ އަހަރުގެ އެގައުމުގެ ދައުލަތުގެ ބަޖެޓާ އެކު، ބައެއް ޓެކްސްތައް ވަނީ ބޮޑުކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި، އެއާޕޯޓް އެމްބާކޭޝަން ޓެކްސް ވެސް ވަނީ ބޮޑުކޮށްފަ އެވެ.

ސްރީލަންކާގައި އެމްބާކޭޝަން ޓެކްސް މިހާރު ނަގަމުން އަންނަނީ، އެގައުމުން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން 30 ޑޮލަރު ނުވަތަ 4،200 ލަންކާ ރުޕީސްގެ މަގުންނެވެ.

އެހެން ނަމަވެސް، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހަށް ފަހު ސްރީލަންކާއިން ފުރާ ކޮންމެ މީހެއްގެ އަތުންް އެމްބާކޭޝަން ޓެކްސްގެ ގޮތުގައި ނަގާނީ 50 ޑޮލަރު ނުވަތަ 7،000 ލަންކާ ރުޕީސްއެވެ.

ސްރީލަންކާ އެމްބާކޭޝަން ޓެކްސް އިތުރުވުމާ އެކު، 2017 ފެށުމަށް ފަހު އެ ގައުމުން ބޭރަށް ދަތުރުކުރާ ކޮންމެ މީހެއްގެ ޓިކެޓުގެ އަގަށް 20 ޑޮލަރުގެ އިތުރުވުމެއް އަންނާނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ޓިކެޓުގެ އަގު ބޮޑުވި ނަމަވެސް، މިހާރު ޓިކެޓު ނަގާފައިވާ ފަރާތްތަކުން އިތުރަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ.

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި މި ފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަނީ 2017 ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް ހަތްވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30ގެ ނިޔަލަށެވެ. އެއީ ރަންވޭގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަތަރު ގަޑިއިރު، އަދި ރަންވޭގައި އަޅާ ތާރު ފަދަ ތަކެތި ހިއްކުމަށް ހަތަރު ގަޑިއިރެވެ.

ޖެނުއަރީން އޭޕްރީލްގެ ނިޔަލަށްވާ މުއްދަތުގައި، ހަވީރު 4:30ގެ ފަހުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިޔަށް ދާނެ އެވެ. އެއާޕޯޓު ބަންދުކުރާތީ ގިނަ އެއާލައިންތަކެއްގެ ފްލައިޓު ވާ އިރު، ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލް ވެސް ކުރަންޖެހިފައިވެ އެވެ. އެގޮތުން، ރާއްޖެ އިން ލަންކާއަށް ކުރާ ދަތުރުތަކަށް ވެސް މިކަމުގެ އަސަރު ކުރެ އެވެ.