މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ޓަކައި އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތް އޮންނަން ޖެހޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެެރީ ވިދާޅުވެއްޖެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ހަފްތާގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އެގައުމުގެ ރައްޔިތުން އާބާދުކުރާ ކުރުން ވާ އިރު، އެމެރިކާ އިން ވަނީ އެގައުމަށް ލިބޭ ވީޓޯގެ ބޭނުން ނުކޮށް، ވޯޓުގައި ބައިވެރިނުވެ، އެއްފަރާތް ވެފަ އެވެ.

އެ ވޯޓާ ގުޅިގެން އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުންތައް ވަނީ ވަރަށް ގޯސްވެފަ އެވެ.

އިސްރާއީލުން ބުނި ގޮތުގައި، "ރަހުމަތްތެރިން އެކަކު އަނެކަކު ސަލާމަތީ މަޖިލީހަކަށް ނުގެންދާނެ"އެވެ.

މިއަށް ރައްދު ދެއްވައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު ޖޯން ކެރީ ވިދާޅުވީ، ބައެއް ފަރާތްތަކަށް ހީވާގޮތުގައި އެމެރިކާގެ ރަހުމަތްތެރިކަމޭ ބުނުމުގެ މާނައަކީ، އެމެރިކާގެ އަމިއްލަ އަސާސުތަކާއި އުސޫލުތަކާއި ޝައުގުތަކަށް ނުބަލައި، ކޮންމެ ފަދަ ސިޔާސަތެއް ވެސް ގަބޫލުކުރުން ކަމަށް ކަމަށެވެ.

"ރަހުމަތްތެރިން އެކަކު އަނެކަކަށް ތެދުވެރިވާން ޖެހޭ. އަދި ރަހުމަތްތެރިކަމަކީ އެކަކު އަނެކަކަށް އިހްތިރާމު ކުރުން ވެސް މެ،" ކެރީ ވިދާޅުވި އެވެ.

"ދެ ދައުލަތް އޮތުމަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރެވޭނެ ހަމައެކަނި ގޮތަކީ. އަދި އިސްރާއީލު، ޔަހޫދީ ޑިމޮކްރަސީއެއްގެ ގޮތުގައި ދެމިއޮންނާނެ ހަމައެކަނި ގޮތަކީ ވެސް. އެކަމަކު އެގޮތަށް ދެކެވެމުން އައި މުސްތަގުބަލް މިހާރު އޮތީ ނުރައްކަލުގެ ތެރޭގައި،" ކެރީ ވިދާޅުވި އެވެ.

ކެރީ ވިދާޅުވީ، އިސްރައީލާއި ފަލަސްތީނުގެ ދައުލަތް ދެ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް އިސްރާއީލުގެ ބޮޑުވަޒީރު އަޑުހަރުކޮށް ތާއީދުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ބޮޑުވަޒީރާ އެކު މިވަގުތު ހުންނެވި ކޯލިޝަނަކީ އިސްރާއީލުގެ ތާރީޚުގައި ވެސް އެންމެ ހައްދުފަހަނަ އެޅި އެޖެންޑާއެއް އޮތް ފަރާތްތައް ކަމަށެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން، އިސްރާއީލުގެ ބޮޑުވަޒީރު ވެސް ވަނީ އިތުރަށް (އެ ބިންތަކުގައި) އާބާދުވުން އިތުރުކުރަން ހިފާފައި. މި ހުރިހާ ކަމެއް މި ދަނީ ދިމާ އިދިކޮޅަށް، އެންމެ ދައުލަތެއް އޮތުމާ ދިމާލަށް،" ކެރީ ވިދާޅުވި އެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އެވެ. ޤުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

އިރުމަތީ ޤުދުސްގައި، އިސްލާމް، ނަސާރާ އަދި ޔަހޫދީ ދީނުގެ މުގައްދަސް ބިނާތައް ހުރެ އެވެ. އޭގެ ތެރޭގައި މަސްޖިދުލް އަގްސާ އަދި ޔަހޫދީންގެ މުގައްދަސް ބިނާއެއް ކަމުގައިވާ ހުޅަނގު ފާރު ނުވަތަ ވެސްޓަން ވޯލް ހިމެނޭ އިރު، މި ދެ ބިނާ ހުންނަނީ ދެ ދީނުގެ ވެސް މުގައްދަސް ސަރަހައްދެއް ކަމުގައިވާ، ޓެމްޕަލް މައުންޓް ނުވަތަ ޙަރަމް އަލް ޝަރީފްގަ އެވެ. މީގެ އިތުރުން، ޙަރަމް އަލް ޝަރީފްއަކީ ނަސާރާއިންނަށް ވެސް މުގައްދަސް ތަނެކެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފަ އެވެ. އެއާ އެކު މަސްޖިދުލް އަގްސާ ވެސް ހިމެނޭ ގޮތަށް، ގުދުސްގެ ގަދީމީ ޝަހަރު (ބަލްދަ އަލް ޤަދީމާ) ދިޔައީ އިސްރާއީލުގެ ދަށަށެވެ. މީގެ އިތުރުން ފަލަސްތީނަށް ލިބުނު ބިމެއް ކަމުގައިވާ، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ ބޮޑު ބައެއްވެސް އިސްރާއީލުން ވަނީ ހިފައިފަ އެވެ.

އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި، ގާނޫނުތަކާއި ގަވައިދާ ޚިލާފަށް ފަސް ލައްކައެއްހާ އިސްރާއީލު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ.