20 Jun 2011, 17:29
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީން ބަންދުކުރި "ހޮޓެލް އިން" އަލުން ހުޅުވުމުގެ ހުއްދަ އެ އޮތޯރިޓީން މިއަދު ދީފި އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސާފުތާހިރުކަން ކުޑަވެގެން މިދިޔަ ބުރާސްފަތި ދުވަހު ބަންދުކުރި "ހޮޓެލް އިން" އަލުން ހުޅުވުމުގެ ހުއްދަ ދިނީ އެ އޮތޯރިޓީގެ ގަވާއިދަށް ފެތޭ ގޮތަށް އެތަނުގެ ކަންތައްތައް އަލުން އިސްލާހުކޮށްފައި ހުށަހެޅުމުން ކަމަށެވެ.
ސާފުތާހިރުކަން ކުޑަވެގެން މިހާތަނަށް އެއޮތޯރިޓީން 17 ތަނެއް ބަންދުކުރި އިރު އޭގެ ތެރޭގައި މާލޭގެ މަޝްހޫރު ބޮޑެތި ރެސްޓޯރެންޓްތަކާއި ނަން މަޝްހޫރު ހޮޓާތައް ވެސް ހިމެނެ އެވެ. އަދި އިސްލާހުކޮށްފައި އެދުމުން އޭގެ ތެރެއިން 10 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ އެއޮތޯރިޓީން ވަނީ ދީފަ އެވެ.
މާލޭގައި ކާބޯތަކެތި ހަދައި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ހުރި މިންވަރު ބެލުމަށް އެމްއެފްޑީއޭ އިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 188 ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.