29 Dec 2016, 08:44
ސަން އަކުއާ ވިލު ރީފް ރިސޯޓުގައި އުފަންވި ކުދި ވެލާތަކެއް މޫދަށް ދޫކުރުމުގެ ހަރަކާތެއް އެ ރިސޯޓުގައި ކުރިޔަށް ގެންގޮސްފި އެވެ.
ސަން ސިޔާމް ރިސޯޓްސްއިން ހިންގާ ސަން އަކުއާ ވިލު ރީފުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް އެ ރިސޯޓުގެ ގޮނޑުދޮށުން ވެލާ ބިސް އަޅާފައިވާ ތަފާތު ހަތް ބިސްވަޅެއް ފެނިފައިވެ އެވެ.
ވެލާތަކަށް އަމިއްލައަށް ކަނޑުތެރެއަށް ދެވޭ ވަރު ވަންދެން އެ ރިސޯޓުން ވަނީ، ރިސޯޓުގެ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި ކުދި ވެލާތައް ބަލަހައްޓައި، އެއަށް ދޭން ޖެހޭ ފަރުވާ ދީފަ އެވެ. މި މަސައްކަތާ ގުޅިގެން، ވިލު ރީފުން ވަނީ ކައިރި ރަށްރަށުގެ ރައްޔިތުންނާ އެކު، ވެލާ ބިސްވަޅުތައް ހިމާޔަތް ކުރުމަށް އެކުގައި މަސައްކަތްތަކެއް ކޮށްފަ އެވެ.

ވިލު ރީފުން ކުރިޔަށ ގެންދިޔަ، މޫދަށް ކުދި ވެލާތަކެއް ދޫކުރުމުގެ ހަރަކާތް -- ފޮޓޯ/ ވިލު ރީފް
ރިސޯޓުން ބެލެހެއްޓި ކުދި ވެލާތަކުގެ ތެރެއިން ގިނަ ވެލާތައް މޫދަށް ދޫކޮށްލާ އިރު، ބައެއް ވެލާތަކަށް ފަރުވާދީ، ބޮޑުކުރުމަށް 18 މަސް ދުވަސް ވަންދެން ރިސޯޓުގައި ގެންގުޅޭ ކަމަށް ވިލު ރީފުން ބުނެ އެވެ. ރިސޯޓުގެ ފަރާތުން އެ ވެލާތަކަށް ކާންދީ، ސާފުކޮށް، އަދި ހަފުތާއަކު އެއްފަހަރު އޭގެ ބަރުދަނާއި ދިގުމިން ފަދަ މައުލޫމާތު ނަގަ އެވެ.

ވިލު ރީފުން ކުރިޔަށ ގެންދިޔަ، މޫދަށް ކުދި ވެލާތަކެއް ދޫކުރުމުގެ ހަރަކާތް -- ފޮޓޯ/ ވިލު ރީފް
"ވެލާތަކުގެ ބޮޑުމިނުގައި 30 ސެންޓިމީޓަރު އަދި ބަރުމިނުގައި ހަތަރު ކިލޯ ޖެހެންދެން ގެންގުޅެން. އެއީ، ސައިޒުން ބޮޑުވުމުން ކަނޑު އަޑީގައި އުޅޭ ޝިކާރަވެރި ދިރުންތަކަށް ފަސޭހައިން ވެލާތައް ޖަހައިގަނެގެން ދިއުމުގެ ފުރުސަތު ނުލިބޭނެ. މިއީ ވެލާތަކަށް އިތުރު ރައްކާތެރިކަމެއް،" ވިލު ރީފުން ބުންޏެވެ.