މެދުތެރޭ އޭޝިއާގެ އުޒްބެކިސްތާނުގެ ގައުމީ އެއާލައިން، އުޒްބެކިސްތާން އެއާވޭސްގެ ފްލައިޓެއް ރާއްޖެ އައިސްފި އެވެ.

އިނަރ މޯލްޑިވްސް ހޮލިޑޭޒް އާއި އިންޓުއާ މޯލްޑިވްސް އަދި އުޒްބެކިސްތާން އެއާވޭސްއާ ގުޅިގެން ހިންގާ ޗާޓަރު ދަތުރެއްގައި އުޒްބެކިސްތާން އެއާވޭސްގެ ބޮއިންގް 757 މަރުކާގެ ފްލައިޓު ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފައެވެ.

އުޒްބެކިސްތާން އެއާވޭސްގެ ފްލައިޓު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ/ ސަން

އިނަރ މޯލްޑިވްސް ހޮލިޑޭޒްގެ ޑިރެކްޓަރ އަހްމަދު އިޖާޒް "ސަން" އަށް ވިދާޅުވީ، އެ ފްލައިޓު ރާއްޖެ އައީ ފުލްކޮށް ކަމަށެވެ. ބޮއިންޖް 757 މަރުކާގެ އެއާކްރާފްޓުތަކުގައި 200 އަށް ވުރެ ގިނަ ފަސިންޖަރުންގެ ޖާގަ އޮވެއެވެ.

އެ ފްލައިޓު މިއަދު މާލެ އައިސް، މާލެއިން ފަސިންޖަރުން ގޮވައިގެން އެނބުރި އުޒްބެކިސްތާނަށް ވަނީ ގޮސްފައެވެ. އެ ފްލައިޓުގައި ގޮސްފައިވަނީ، އިނަރ މޯލްޑިވްސްއިން ތައާރަފުކުރި އުޒްބެކިސްތާނުގެ ދިޔަ ފަސިންޖަރުންނެވެ.

އިނަރ މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، އުޒްބެކިސްތާނުން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންގެ އަދަދަށް ބަލައި، މި ސީޒަންގެ ތެރޭގައި އިތުރު ޗާޓަރު ފްލައިޓުތައް ބާއްވާނެ ކަމަށެވެ.