ހަޅުތާލު ކުރުމުގެ ބިލް އަލުން ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމެޓީން ލަފާދީފައިވާ ގޮތަށް ބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިދިޔަ އަހަރު މަޖިލީހަށް ހުށަޅުއްވި ހަޅުތާލު ކުރުމުގެ ބިލް ކޮމެޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓަށް ބަހުސްކުރެއްވުމަށް ފަހު މިއަދު ވަނީ އެ ބިލް އަލުން ފަރުމާކޮށް މަޖިލީހަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

އެ ބިލް އަލުން ފަރުމާކޮށް ހުށަހެޅުމަށް ޓަކައި ބިލް މަޖިލީހުން ބޭރު ކުރުމަށް ވޯޓް ދެއްވީ ހާޒިރުވި 71 މެންބަރުންގެ ތެރެއިން 67 މެންބަރުންނެވެ. އެ ބިލް މަޖިލީހުން ބޭރު ނުކުރުމަށް ވޯޓް ދެއްވީ ތިން މެންބަރުންނެވެ. އަދި ވަކިކޮޅަށް ވޯޓް ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވަނީ ހަޅުތާލު ކުރުމުގެ ބިލު އެކުލަވާލާފައި ވަނީ ގާނޫނު އަސާސީގެ 31 ވަނަ މައްދާ އިން ހަޅުތާލުކުރުމަށް ލިބިދޭ ހައްގުތައް އަދާކުރެވޭ ގޮތަށް ކަމަށް ވިއަސް، ބިލު ބިނާވެފައި ވަނީ އެ ހައްގުތަކާ ފުށޫއަރާ ގޮތަށް ކަމަށެވެ. އަދި އެ ބިލް އިސްލާހު ކުރާ ނަމަ މުޅި ބިލް އަޅުން އެކުލަވާލަން ޖެހޭ ކަމަށާއި އެހެން ކަމަށް ވުމާ އެކު އެ ބިލް އަލުން ފަރުމާކުރުމަށް ފަހު ހުށަހެޅުމަށް ފެންނަމަ ކަމަށް ކޮމެޓީން މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ.

ހަޅުތާލު ކުރުމުގެ ބިލް ކޮމެޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ހަޅުތާލު ކުރުމުގެ ބިލުގައި "ހަޅުތާލު" ކުރަން ޖެހޭ ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުގެ ނިޒާމްގެ ތެރެއިން ބަޔަކު ހަޅުތާލު ކުރާ ނަމަ އަސާސީ ހިދުމަތްތައްދޭ މުވައްޒަފުންނާއި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މީހުން ހަޅުތާލު ކުރާނެ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ގޮތްތައް ބިލްގައި ހިމަނަން ޖެހެނީ ރާއްޖޭގެ ހިދުމަތްތައް ނުހުއްޓޭ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހަޅުތާލު ކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި މިދައްކަނީ ކޮން ވާހަކައެއްތޯ؟ މޫޒާހަރާ ކުރާ ވާހަކަތޯ؟ ބޯޑުތައް ހިފައިގެން ހިނގާ ވާހަކަތޯ؟ އެ ދުވަހު މަސައްކަތަށް ނުނުކުމެ ސަލާމް ބުނާ ވާހަކަތޯ؟ އެންމެން ޗުއްޓީނަގާ ވާހަކަތޯ؟ ނޫނިއްޔާ އެތަނަށް ނުވަދެވޭ ގޮތަށް މަގު ހުރަސްކޮށްގެން ތިބުންތޯ؟ ނޫނިއްޔާ ލޮކް އައުޓްތޯ؟ ބައިވަރު ގޮތް ހުރޭ ހަޅުތާލުކޮށް އިހްތިޖާޖު ކުރުމުގެ. އެގޮތުން އަޅުގަނޑުމެން މިރާއްޖޭގައި ގަބޫލު ކުރަނީ ކޮންކޮން ކަންތައްތަކެއް ކަން ވެސް ބަޔާން ކުރަން އެބަޖެހޭ،" ނަޝީދު ވިދާޅުވި އެވެ.