ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަތީގައި އަޅާ ޑެކު ގާއިމުކުރަނީ، ޗައިނާގައި ބައި ބަޔަށް ހަދައިގެން ރާއްޖެ ގެނެސްގެން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ފުރަތަމަ ފަހަރަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރާ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފައެވެ.

ބްރިޖުގެ މަސައްކަތް ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކޮމްޕެނީއިން ކުރަމުން ދަނީ 2018 ސެޕްޓެމްބަރު 30 ގެ ކުރިން ނިންމުމަށެވެ. އެހެން ނަމަވެސް އޭގެ ދެ މަސް ދުވަސް ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބްރިޖުގެ މައިގަނޑު ހިސާބު ނުވަތަ މެއިން ބްރިޖު ހެދުމަށް ޖަހަންޖެހޭ ހުރިހާ ތަނބެއް މިހާރު ވަނީ ޖަހައި ނިންމާފައެވެ. ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އަންނަ އަހަރު ފެށިގެން، ޖުލައި މަހާ ހަމައަށް ދާ އިރު، މެއިން ބްރިޖުގެ ހުރިހާ ޕްލެޓްފޯމްތަކަކަށް ކޮންކްރީޓު އަޅައި، ޕައިލް ކެޕްސްތައް ވެސް ޖަހައި ނިމިފައިވާ މަންޒަރު ފެންނާނެ ކަމަށެވެ.

ދިގުމިނުގައި ދެ ކިލޯމީޓަރު، އަދި ފުޅާމިނުގައި 20 މީޓަރު ހުންނަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި އަޅާ މަގު ނުވަތަ ބްރިޖުގެ ޑެކު ގާއިމުކުރާނީ ޗައިނާއިން ތައްޔާރުކޮށްގެން ގެނެސްގެން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީގެ އިންޖިނިއަރ އާއިޝަތު ބަރިއްޔާ މުހައްމަދު ވިދާޅުވި ގޮތުގައި، ބްރިޖު އަޅާ ސަރަހައްދުގައި އެއާޕޯޓެއް އޮތުމާއި، ބްރިޖުގެ މަަސައްކަތް ކުރާ ސައިޓުތަކުގައި ޖާގަ ނެތުން ފަދަ ސަބަބުތަކާ ހެދި މަސައްކަތްތައް ކުރިޔަށް ދަނީ ދަތިތަކަކާއެކުގައެވެ.

އެހެންކަމުން، މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށާއި، ކޮލިޓީ ޔަގީންކުރުމުގެ ގޮތުން ބްރިޖުގެ ޑެކް ސްޓްރަކްޗަރ އުފެއްދާނީ ޗައިނާގައި ކަމަށާއި، ޗައިނާގައި އެ އުފައްދައިގެން ރާއްޖެ ގެންނާނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިޖުގެ ޑެކަކީ، ބްރިޖުގެ މަތީގައި މީހުން ހިނގުމަށް ނުވަތަ އުޅަނދުފަހަރު ދަތުރުކުރުމަށް އަޅާފައި އޮންނަ ސާފޭސްއެވެ. ދަގަނޑާއި ކޮންކްރީޓުން ހަދާ ޑެކު މަތީގައި މަގު ހަދާނީ ތާރު ނުވަތަ ގާ ފަދަ އެއްޗެހި އަޅައިގެންނެވެ.

މީގެ އިތުރުން، ބަރިއްޔާ ވިދާޅުވީ ބްރިޖުގެ މަޝްރޫއާ އެކު މާލޭގެ ބޮޑުތަކުރުފާނު މަގު، ސްޓެލްކޯއާ ހަމައަށް ތާރު އެޅޭނެ ކަމަށާއި، ސެނަހިޔާ ހޮސްޕިޓަލް ހުންނަ މޫންލައިޓް ހިނގުމުގެ ބައެއްވެސް ބްރިޖާ ގުޅުވުމަށްޓަކައި ތާރު އެޅިގެން ދާނެ ކަމަށެވެ.

"ބްރިޖަށް އެޕްރޯޗުވާ މަގުގެ އެބައިތައް އެކަނި ސްކޯޕުގައި ހިމެނިފައި ވަނީ. އިތުރު ބައިތައް ހިމެނެމުން ދަނީ މަޝްވަރާ ކުރެވިގެން،" އޭނާ ވިދާޅުވިއެވެ.