ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށް، އެ މަސައްކަތް ކުރިޔަށްް ގެންދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވަޑައިގަތެވެ.

ރައީސް ޔާމީން ބްރިޖު ސައިޓަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެކަމުންވެސް ހާމަވަނީ ރައީސް ޔާމީން މިކަމަށް ދެއްވާ ސަމާލުކަން ކަމަށެވެ.

"އޭގެން ދައްކައިދޭ ހަގީގަތަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ރައީސް ޔާމީން ދެއްވާ އިސްކަން އަދި ސަމާލުކަން،"

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ކުރުމަށް އެގްރިމެންޓް ހަދައި، އެ މަސައްކަތް ކުރުމަށް ޗައިނާ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށާއި، އެއް އަހަރު ތެރޭގައި ބްރިޖުގެ މަސައްކަތް ކުރިޔަށް ގޮސްފައިވަނީ މާ ހަލުއިކޮށް ކަމަށެވެ.

"ބްރިޖު މަަސައްކަތް ހަވާލުކުރިތާ އެއް އަހަރު ވެގެން ދަނީ. އެއް އަހަރު ވީ އިރު ޝެޑިއުލަށް ވުރެ އަވަސްކޮށް، ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ފުރިހަމަވެގެން ދާ ތަން މި ފެންނަނީ. ޔަގީންކަން އޮތް ކަމަކީ، އެގްރިމެންޓުގައި އޮތް ގޮތަށް، 2018 ސެޕްޓެމްބަރު 30 އަށް ބްރިޖު ހުޅުވޭނެކަން. ކޮންޓްރެކްޓަރު ދޭ އުންމީދަކީ އޭގެ ދެމަސް ކުރިން، 2018 ޖުލައި 16 އަށް ބްރިޖު ހުޅުވޭނެކަމަށް. މަސައްކަތް ފެންނަ ގޮތުން މިކަން ވަރަށް ޔަގީންވޭ،" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އެންޖިނިއަރިންގް ކޯޕަރޭޝަންއާއެވެ. އެ ކުންފުނިން ބްރިޖުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިޔަށް ގެންދާ އިރު، މިހާރު ވަނީ ބްރިޖުގެ މައި ހިސާބުގައި ޖަހަންޖެހޭ ހުރިހާ ތަނބެއް ޖަހައި ނިންމާފައެވެ. އެއީ 35 ތަނބެވެ.

މިހަފްތާގައި، ހައުސިންގް މިނިސްޓްރީން ވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ.

"ރައީސް ޔާމީންގެ މުހިންމު ވައުދުފުޅު ވަރަށް ހަލުއިކަމާ އެކީގައި ވަރަށް ރަނގަޅަށް ފުރިހަމަވެގެން ދޭ. މި މަަސައްކަތް ނިމި، ރައްޔިތުންނަށް މާލެއިން ހުޅުމާލެއަށް އަދި ހުޅުލެއަށް އެއްގަމު މަގުން ދަތުރުކުރެވޭނެ މަގު، މި ދައުރުގައި ފުރިހަމަވެގެން ދާނެ،" ހައުސިންގް މިނިސްޓަރ މުއިއްޒު މިއަދު ވިދާޅުވިއެވެ.