28 Dec 2016, 16:22
މެނީލާ (ޑިސެމްބަރު 28) -- މަސްތުވާތަކެތި އަތުލައި ގަތުމަށް ފިލިޕީންސް ފުލުހުން ހިންގި އެންމެ ބޮޑު އޮޕަރޭޝަންތަކުގައި 890 ކިލޯގެ މެތަމްފެޓަމިން، 147 މިލިއަން ޑޮލަރުގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ.
ފިލިޕީންސްގެ ޖަސްޓިސް ސެކްރެޓަރީ ވިޓަލިއާނޯ އަގުއެރީ އިއްޔެ ދެއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ އެއީ ފިލިޕީންސްގެ ތާރީހުގައި ވެސް އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތި ކަމަށެވެ.
ވިޓަލިއާނޯ ވިދާޅުވީ އެ މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ްއަދި އެ ތަކެތީގެ އިތުރަށް 1،110 ލިޓަރުގެެ ދިޔާ މަސްތުވާ ތަކެތި ވެސް އަތުލައިގެންފައިވާ ކަމަށް ވިޓަލިއާނޯ ވިދާޅުވި އެވެ.

ފިލިޕީންސް ސަރުކާރުން ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ ހަތަރު މަސް ދުވަސް ވަންދެން، ފިލިޕީންސްގެ ނޭޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހިންގި އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. އަދި ފިލިޕީންސް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އޮޕަޜޭޝަން ހިންގީ ޗައިނާގެ ކުންފުންޏަކުން ވަގު ޑްރަގު އުފައްދައި ފަތުރުމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
ނޭޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ޗައިނާގެ ތިން ރައްޔިތަކާއި ފިލިޕީންސުގެ ހަތް މީހަކު ކަމަށެވެ.
ފިލިޕީންސްގެ "ޑޭންޖަރަސް ޑްރަގް ބޯޑުން" ބުނީ، 100 މިލިއަން މީހުން އުޅޭ ގައުމުގެ 1.3 މިލިއަން މީހުން މަސްތުވާ ތަކެތި ބޭނުން ކުރާ ކަމަށެވެ.
(ސީއެންއެން)