20 Jun 2011, 17:22
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކުން ސަލާމަތްވެ ތިއްބެވުމަށް އެބޭފުޅުންގެ މަލީ ބަޔާން އާއްމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ޓްރޭންސްޕޭރަންސީ މޯލްޑިވްސް ބުނެފި އެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ހެޔޮވެރިކަން ކުރިއަރުވައި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ޓްރާންސްޕޭރަންސީ ޖަމިއްޔާގެ ރާއްޖޭގެ ގޮފިން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ މަސައްކަތްތައް ދިރާސާ ކުރުމަށްފަހު އާންމު ކުރި "ޕާލިމެންޓްރީ ވޮޗް އެންޑް އިވެލުއޭޝަން ރިޕޯޓް"ގައި ބުނަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެމުން އަންނަ އިރު އެބޭފުޅުންގެ ކޮންމެ އަހަރެއްގެ މާލީ ރިޕޯޓާއި އެހެނިހެން ވެސް މަސްލަހަތު ހުންނަކަންތައްތައް އާންމު ކުރުމަކީ ރައްޔިތުން މަޖިލީހުން އަދާކުރައްވަން ޖެހޭ މުހިންމު ގާނޫނީ މަސްއޫލިއްޔަތެއް ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެބަހުރޭ އެބޭފުޅުންގެ މާލީބަޔާންތައް އާންމު ކުރުމަށް އުސޫލުތަކެއް. މިސާލަކަށް ކުންފުނިތަކުގައި އެބޭފުޅުންގެ އަބިންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ ހިއްސާ އޮންނަ ގޮތްތައް ވެސް އާންމުކުރެވޭ. ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތްވެ ތިބުމަށް އެ މައުލޫމާތުތައް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" އެ ރިޕޯޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޝަތު އައިމާ މުސްތަފާ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ މެންބަރުންގެ ކޮންމެ އަހަރެއްގެ ވެސް މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުކުރުމަށް މެންބަރުންވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ރައްޔިތުން މަޖިލީހުގެ 15 މެންބަރަކާއި މަޖިލިސް ކަވަރު ކުރާ ތިން ނޫސްވެރިއަކު ބައިވެރިވެގެން ކުރި އެ ދިރާސާ ރިޕޯޓުގައި ޓްރާންސްޕޭރަންސީން ވަނީ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވޯޓުދެމުން އަންނާތީ އެކަން ހުއްޓުވާ ދެއްވުމަށް މަޖިލީހަށް ގޮވާލައިފަ އެވެ. ޓްރާންސްޕޭރަންސީން އެގޮތަށް މަޖިލީހަށް ގޮވާލިއިރު ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ ދަށުން މެންބަރުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި ވޯޓެއް ނުދެވޭނެ އެވެ.
ނަމަވެސް، މިހާތަނަށް މަޖިލީހުން އަމަލުކޮށްފައި ވަނީ އެކަން މެންބަރުންގެ އަތްމައްޗަށް ދޫކޮށްލައިގެން ކަން ޓްރާންޕޭރެންސީން ފަހަގަކުރެ އެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ ގަވާއިދުގައި ހުންނަ މިފަދަ ކަންކަމަށް ވެސް އަމަލުނުކުރެވޭތަން. އެހެންވީމާ އެކަންތައްތައްތަކަށް އަމަލުކުރެވޭނެ މެކޭނިޒަމެއް ގާއިމްކޮށް އެކަންތައްތަކަށް އަމަލުކުރަން އެބަޖެހޭ،" އައިމާ ވިދާޅުވި އެވެ.
މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ހިނގަމުން އަންނަ ކޮމެޓީތަކުގެ ޔައުމިއްޔާ އާންމުނުކުރުމާއި އަންހެނުންނަށް މަޖިލީހުގައި ފުރުސަތުތަކެއް ނެތުމާއި މަޖިލީހުގެ މެންބަރުންނަށް ދެވޭ އެލަވަންސްތަކަކީ ކުރެވޭ ހަރަދުތަކުގެ މައްޗަށް ބިނާކޮށް ދެވޭ އެލަވަންސްތަކަށް ހެދުމަށް ޓްރާންސްޕޭރަންސީން މަޖިލީހަށް ވަނީ ގޮވާލައިފަ އެވެ. މީގެ އިތުރުން މަޖިލީހުން ބިލްތައް ފާސްކުރުމުގެ ކުރިން ބަޖެޓަށް ކުރާނެ އަސަރުދެނެ ގަނެ އެކަމާ ތައާރުޒު ނުވާނެ ގޮތަކަށް ބިލްތައް ފާސްކުރުމަށް މަޖިލީހަށް ވަނީ ގޮވާލައިފަ އެވެ.
"ކޮންމެ ބިލަކާއި އެކު ހިނގާނެ ހަރަދު ހުށަހެޅުމަށް އަޅުގަނޑުމެން ގޮވާލަން،" ޓްރާންސްޕޭރަންސީން މުހަންމަދު ތޯރިގު ހަމީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައްޔިތުންނާއި ގުޅުންހުރި ގިނަ ބިލްތަކެއް ފާސްވެފައި ނުވާ ކަމަށާއި އެކަން ހައްލުކުރުމަށް ޓަކައި ބިލުތައް ނިންމަން ޖެހޭ ތާރީހެއް ކަނޑައަޅާ ކޮމެޓީތަކަށް ފޮނުވުމަށް ވެސް އެ ޖަމްއިއްޔާއިން މަޖިލީހަށް ގޮވާލާފައިވެ އެވެ.
ޕާލިމެންޓްރީ ވޮޗް އެންޑް އިވެލުއޭޝަން ރިޕޯޓުގައި މަޖިލީހުގެ މެންބަރުންނާއި ކުރެވުނު ސުވާލުތަކަކަށް ފަހު މަޖިލީހުގެ ހަ ދާއިރާއެއްގެ މައްޗަށް ވަނީ އިވެލުއޭޝަންއެއް ހަދާފަ އެވެ. އެގޮތުން އެންމެ ދަށުން މާކްސް ލިބިފައިވަނީ މަޖިލިސް ޖަވާބުދާރީ ވުމުގެ ބަޔަށެވެ. އެބައިން 43 ޕަސެންޓް މަޖިލީހަށް ލިބުނުއިރު 66 ޕަސެންޓް ލިބުނީ ގާނޫނު ހެދުމުގެ ގާބިލްކަން މަޖިލީހުގައި ހުރި މިންވަރަށެވެ. މަޖިލީސް ތަމްސީލްކުރުމަށް 56.2 ޕަސެންޓް ލިބިފައިވެ އެވެ. އަދި މަޖިލީހުގެ ފާރަވެރި ވުމުގެ ދައުރަށް 58.8 ޕަސެންޓް ލިބުނު އިރު މަޖިލީހުން މައުލޫމާތު ހޯދުމަށް 65.8 ޕަސެންޓް ލިބުނެ އެވެ. ހާރިޖީ ސިޔާސަތުގައި ޕާލިމެންޓުގެ ދައުރަށް 53.8 ޕަސެންޓް ލިބުނެވެ. މަޖިލީހުގެ މަސައްކަތައް މިދިޔަ އަހަރު ލިބުނީ ޖުމްލަ 57.3 ޕަސެންޓެވެ.
މަޖިލީހުގެ މަސައްކަތް އޯވަރޯލްކޮށް ރަނގަޅު ޕަސެންޓޭޖެއް ލިބުނަސް މަޖިލީހުގެ 23 ޕަސެންޓް ޖަލްސާތަސް ވަނީ ތަފާތު ސަބަބުތަކަކާއި ހުރެ ނުގެން ދެވިގެން ހުއްޓާލާފަކަން އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.
ޔޫއެންޑީޕީގެ އެހީގައި ޓްރޭންސް ޕޭރަންސީން ހެދި ޕާލިމެންޓްރީ ވޮޗް އެންޑް އިވެލުއޭޝަން ރިޕޯޓުގައި ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ހަތް މެންބަރަކު އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީން ހަތަރު މެންބަރަކު ބައިވެރިކޮށްފައިވެ އެވެ. ދެން ތިބި މެންބަރުންނަކީ ކުދި ސިޔާސީ ޕާޓީތަކުން ބައިވެރި ކުރި މެންބަރުންނެވެ.