28 Dec 2016, 14:08
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަތުނަސިރީ ވިކްރަމަނައިކެ އަވަހާރަވުމާ ގުޅިގެން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ތައުޒިޔާ މެސެޖުގައި ރައީސް ވަނީ، ސިޔާސީ ބޭފުޅެއްގެ ގޮތުން ސްރީލަންކާގެ ކުރިއެރުމާ ތަރައްގީއަށް ރަތުނަސިރީ ވިކްރަމަނައިކެ ކުރައްވާފައިފާ އަގުހުރި ހިދުމަތްތައް ފާހަގަކުރައްވާފަ އެވެ. އަދި އެބޭފުޅާ އަވަހާރަވުމުގެ ހަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމުގައި ވިދާޅުވެފައިވެއެވެ.
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަތަނަސިރި ވިކްރަމަނަޔަކެ އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުން އަދި ހާއްސަކޮށް ރަތުނަސިރީ ވިކްރަމަނައިކެގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ވިކްރަމަނަޔަކެ ފުރަތަމަ ޕާލަމެންޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ 1960 ވަނަ އަހަރު އެވެ. އެއީ އެމްއީޕީގެ ޓިކެޓެއްގަ އެވެ.
އޭގެ ދެ އަހަރު ފަހުން އޭނާ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އާ ގުޅިވަޑައިގަތެވެ. އަދި ދެ ފަހަރެއްގެ މަތީން ޕްރައިމިނަސްޓަރުގެ މަގާމު އަދާކުރެއްވި އެވެ.
ދެ ހާސް ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމަ އަށް ފުރަތަމަ ޕްރައި މިނިސްޓަރުކަން އަދާ ކުރެއްވީ ޗަންދުރިކާ ކުމާރުތުންގާގެ ރައީސް ކަމުގަ އެވެ. އަދި އެއަށް ފަހު 2005 އިން 2010ގެ ނިޔަލަށް ރައީސް މަހިންދާ ރާޖަޕަކްސާގެ ވެެރިކަމުގަ އެވެ.
ވިކްރަމަނަޔަކެ ވަނީ ތަފާތު ފަހަރު މަތީން ތިން ވުޒާރާއެއް ވެސް ހިންގަވައިފަ އެވެ. އަދި އިދިކޮޅު ލީޑަރެއްގެ މަގާމު ފުރުއްވި އިރު ގިނަ ދުވަސްތަކެއް ވަންދެން ވަނީ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
ެޭެއޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަތީ 2010 ވަނަ އަހަރު އެވެ. އަދި އެ އަށް ފަހު އޭނާގެ ދަރިކަލުން ވިރުދާ ވިކްރަމަނަޔަކެ ވަނީ މަޖިލީހުގެ އޭނާ ފުރުއްވި ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.