28 Dec 2016, 12:50
ކާބުލް (ޑިސެމްބަރު 28): އަފްގާނިސްތާނުގައި ދިރިއުޅުން ރައްކާތެރި ނޫން ކަމަށް ބުނެ އެ ގައުމުގެ ފުރަތަމަ އަންހެން އެއާފޯސް ޕައިލެޓް ނިލޫފަރު ރަހުމާނީ އެމެރިކާ އިން ހިމާޔަތަށް އެދިއްޖެ އެވެ.
ރަހުމާނީގެ ވަކީލު ކިމްބާލީ މޮޓްލޭ ވިދާޅުވި ގޮތުގައި ރަހުމާނީ އަށް ވަނީ ހަނގުރާމަވެރިންގެ ފަރާތުން ގިނަ އަދަދެއްގެ އިންޒާރުތައް ލިބިފަ އެވެ. އަދި އޭނާގެ އާއިލާއަށް ވެސް އިންޒާރު ދިނުމުގެ ސަބަބުން އެމީހުން ވަނީ އެތައް ފަހަރެއްގެ މަތިން ގެ ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ދެހާސްތޭރަ ވަނަ އަހަރު އަފްގާނިސްތާނުގެ ފުރަތަމަ އެއާފޯސް ޕައިލެޓަށްވި ރަހުމާނީ ވަނީ ފާއިތުވި އަހަރުގައި ދެކުނު އެމެރިކާގެ އެއާ ބޭސްތަކުގައި އިތުރު ތަމްރީނުތައް ހަދައިފަ އެވެ.
ރަހުމާނީގެ ހިތްވަރަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް އޭނާ އަށް ވަނީ އެގައުމުގެ ސަރުކާރުގެ އޮފިޝަލުންގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ރަހުމާނީ އެމެރިކާ އިން ހިމާޔަތަށް އެދުމުން އަފްގާނިސްތާނު އަސްކަރިއްޔާގެ ޖެނެރަލް މުހައްމަދު ރަދުމަނިޝް ވަނީ އެހުށަހެޅުން ގަބޫލު ނުކުރުމަށް ގޮވާލާފަ އެވެ. އަދި ރަހުމާނީއަށް އިންޒާރު ދިން ކަމަށް ބުނެ އޭނާ ހެދީ ދޮގު ކަމަށާއި އެއީ ހިމާޔަތް ހޯދުމަށް ދެއްކި ވާހަކަތަކެއް ކަަމަށް ބުނެފަ އެވެ. (ސީއެންއެން)