28 Dec 2016, 12:12
އާ އަހަރު ފާހަގަ ކުރުމަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ ސަފާރީތަކުގެ 98 ޕަސެންޓް އޮކިއުޕެންސީ ފުލްވެއްޖެ އެވެ.
ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ ސެކްޓަރީ ޖެނެރަލް، މުހައްމަދު އިގްނާޒް މިއަދު ސަން އަށް ވިދާޅުވީ އާ އަހަރު ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިރު ސަފާރީތަކަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.
ރާއްޖޭގައި 160 ސަފާރީ ހިންގާ އިރު 98 ޕަސެންޓް އޮކިއުޕެންސީ ފުލްވެ އަދިވެސް ތަރުހީބް ލިބެމުން އަންނަ ކަމަށް އިގްނާޒް ވިދާޅުވި އެވެ.
މިދިޔަ އަހަރު އާ އަހަރު ފާހަގަ ކުރުމަށް ސަފާރީތަކުގެ 100 ޕަސެންޓް އޮކިއުޕެންސީ ވަނީ ފުލްވެފަ އެވެ. މިއަހަރަށް ވެސް އެހާވަރުގެ ތަރުހީބެއް ލިބޭނެ ކަމަށްބެލެވެ އެވެ.
އާއަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ މަޝްހޫރު އެތައް ސަހުސިއްޔަތެއް ވެސް ދަނީ ރާއްޖެ އަންނަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ހިމެނެ އެވެ.
އާ އަހަރާއި ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 53 ޖެޓް ޕާކްކޮށްފައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެއީ ރެކޯޑް އަދަދެކެވެ.