ދަވްހާ (ޑިސެމްބަރު 28) : ސޫރިޔާގެ ހަނގުރާމަ ހުއްޓާލައި ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށް ޓަކައި އިދިކޮޅު ބައެއް ޖަމާއަތްތަކާ އެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިޔާއާއި ތުރުކީ އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތަކަށް އިދިކޮޅު ޖަމާއަތްތަކުގެ ކަންތައް ވިލަރެސްކުރާ ކޮމިޓީގެ ވެރިޔާ ރިޔާޒް ހިޖާބް ފާޑުވިދާޅުވެއްޖެ އެވެ.

ސޫރިޔާގެ އިދިކޮޅު ބައެއް ޖަމާއަތްތަކާ އެކު ކަޒަޚިސްތާނުގެ ވެރިރަށް އާސްތާނާގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ރަޝިޔާއާއި ތުރުކީ ވަމުންދާ ތައްޔާރީތަކާބެހޭ ގޮތުން ނެރުއްވި ބަޔާނެއްގައި ހިޖާބް ވިދާޅުވީ ބައިނަލްއަގްވާމީ ފަރާތްތަކުން ޖެނީވާގައި ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތައް އެއްފަރާތްކުރުމަށް ފަހު ބައެއް ގައުމުތަކުން ސޫރިޔާގެ އިދިކޮޅު ބައެއްޖަމާއަތްތަކާ ގުޅިގެން އެހެން ތަނެއްގައި ބާއްވާ ސުލްހައިގެ ވާހަކަތަކަށް ތާއީދުކުރެވެންނޯންނާނެ ކަމުގަ އެވެ.

ރިޔާޒް ޙިޖާބަކީ ސައޫދީ އަރަބިޔާއާއި ގަތަރުގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީއާއި އެމެރިކާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި އިދިކޮޅު ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދެމުން ގެންދިޔަ ގައުމުތަކެވެ. ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނީ ވެސް ގަދަބާރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު ނުކުތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް ތުރުކީއާއި އެމެރިކާ މިހާރުވަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ މައްސަލާގައި ގަތަރާއި ސައޫދީ އާ ޚިޔާލުތަފާތުވެފައެވެ. އަދި ޚާއްސަކޮށް ތުރުކީ މިހާރުވަނީ ބައްޝާރަށް ވާގިވެރިވާ ރަޝިޔާއާ އީރާނާއެކު ސޫރިޔާގެ މައްސަލަ ސުލްޙަވެރިގޮތުގައި ހައްލުކުރުމަށް އިސްކަންދޭ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. މިމައްސަލާގައި ސައޫދީ އާއި ގަތަރުވަނީ ތުރުކީދެކެ ހިތްހަމަނުޖެހިފަ އެވެ.

ރަޝިޔާއާއި ތުރުކީއަކީ ހަލަބްގައި ހިނގަމުންދިޔަ ދިގުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ހަލަބުން ބޭރުކުރުމުގެ އޮޕަރޭޝަންގެ ފަހަތުގައިވާ މައިގަނޑު ދެގައުމެވެ. އިދިކޮޅު ޖަމާއަތްތައް ހަލަބުން ބޭރުވީ ރަޝިޔާގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެމީހުން އަސްކަރީ ގޮތުން ބަލިކަށިވުމުންނެވެ.

އެއަށް ފަހު ރަޝިޔާއާއި ތުރުކީގެ ބެލުމުގެ ދަށުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތައްވަނީ ހަލަބުން ބާލައި ކައިރީގައިވާ ބައެއް ސަރަހައްދުތަކަށް ގެންދެވިފަ އެވެ. މިއާ އެކު ހަލަބްގެ ހަނގުރާމަވަނީ ހުއްޓިފަ އެވެ. ރަޝިޔާއާއި ތުރުކީ މަސައްކަތް ކުރަމުންގެންދަނީ މިދަނޑިވަޅުގެ ބޭނުންކޮށްގެން ސޫރިޔާގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނަސް އަދި ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނައުމަށްޓަކައި އިދިކޮޅު ޖަމާއަތްތަކާއި ސޫރިޔާ ސަރުކާރު އެއްތަނަކަށް ގެނަސް ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށެވެ.

މިކަމަށް ޓަކައި ކަޒަޚިސްތާނުގެ ވެރިރަށް އާސްތާނާގައި އަންނަ ބުރާސްފަތި ދުވަހު ސޫރިޔާގެ އިދިކޮޅު ބައެއް ޖަމާއަތްތަކާ އެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ތުރުކީއާއި ރަޝިޔާ ދަނީ ތައްޔާރުވަމުންނެވެ. މިވާހަކަތަކުގައި އީރާން ވެސް ބައިވެރިކުރާ ގޮތަށްވަނީ ހަމަޖެހިފަ އެވެ. އާސްތާނާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވާހަކަތަކުގައި އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށެވެ. އެއަށް ފަހު ސޫރިޔާގެ މުޅި މައްސަލަ ސިޔާސީގޮތުން ހައްލު ކުރުމުގެ ވާހަކަތައް ކުރިޔަށްގެންދާ ގޮތަށެވެ.

ރިޔާޒް ހިޖާބު ވަނީ ހަމަލާތައް ހުއްޓާލުމުގެ ކޮންމެ އެއްބަސްވުމަކަށް ތާއީދުކުރައްވާކަން ބަޔާން ކުރައްވާފަ އެވެ. ނަމަވެސް ޖެނީވާގެ ވާހަކަތަކުގެ ބަދަލުގައި އާސްތާނާގައި ސޫރިޔާގެ މައްސަލަ ސިޔާސީގޮތުން ހައްލު ކުރުމުގެ ވާހަކަތައް ކުރިޔަށްގެންދިޔުމަށް ދެކޮޅު ހައްދަވާކަމަށް އޭނާ ވިދާޅުވި އެވެ. (ރޮއިޓާސް)