28 Dec 2016, 10:14
މިޒަމާނުގައި ކައިވެނި ހަފްލާއަށް ހަދިޔާގެ ގޮތުގައި ފައިސާ ދިނުމަށް ކާޑުގައި އެދިފައި ހުންނަ މަންޒަރު އާންމުކޮށްފެނެ އެވެ. ކައިވެނި ހަފްލާއަށް ކުރާ ހޭދައަށް ވުރެ ހަދިޔާގެ ގޮތުގައި ފައިސާ ލިބޭލެއް އިތުރު ފަހަރު ވެސް އާދެ އެވެ. އެ ފައިސާ ގިނަ ފަހަރަށް ވެފައި އޮންނަނީ އެދެމަފިރިންގެ "ހަނީމޫން" އުފާވެރިކުރާ ހޭދައެއްގެ ގޮތުގަ އެވެ. އެއީ ގިނަ ބައެއްގެ އުސޫލެވެ. ނަމަވެސް ދެ ދިވެހިން މިވަނީ އެކަމުގައި ވެސް އާދަޔާ ހިލާފް ނަމޫނާއެއް ދައްކާފަ އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންގައި ކުރިން މަސައްކަތްކޮށްފައިވާ އިބްރާހިމް މޫސާ (ފޯޑް) އާއި އޭނާގެ އަންހެނުން އައިޝަތު އިޝާމާގެ އަލަތު ކައިވެނީގެ ހަފްލާއަށް ލިބުނު 12000 ރުފިޔާ ވަނީ ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް އެހީތެރިވުމަށް އެކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ކަމަށްވާ ބިއުޓިފުލް އައިސްއަށް ހަދިޔާކޮށްފަ އެވެ.
މިމަހު 22 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއާ ގުޅޭ ގޮތުން ފޯޑް ބުނީ އެކަން އެގޮތަށް ކުރީ ޖަވާޒީ ހަޔާތެއް ފަށާއިރު މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ގެންނަ ޖޯޑް ނުވަތަ ތަށި ސެޓަށް ވުރެ ލިބޭ ފައިސާ އެފަދަ ކުދިންނަށް ހަދިޔާ ކުރުން މާރަނގަޅުވާނެކަމަށް ގަބޫލް ކުރެވުނީ،" ފޯޑް ބުންޏެވެ.
ޖަމިއްޔާގެ ފައުންޑާ އަހުމަދު އަންސާމް ވިދާޅުވީ ފޯޑްގެ އެއިސްނެގުމަކީ ޖަމިއްޔާތަކަށް ލިބުނު ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.
އެދެމަފިރިންގެ އެދުމަކީ އެމިސާލުން މިސާލް ލިބިގަނެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންމެން ވެސް މަސައްކަތް ކުރުމެވެ.