ޕާލް ހާބާ (ޑިސެމްބަރު 28): ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނުން ކުއްލި ހަމަލާއެއްދިން ހަވާއީގެ ޕާލް ހާބާއަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޒިޔާރާތް ކުރައްވައިފި އެވެ.

ޕާލް ހާބާގައި އޮންނަ އެމެރިކާގެ ނޭވަލް ބޭސްއަށް 1941ގައި ޖަޕާނުން ދިން ހަމަލާގައި އެމެރިކާގެ 2،300 ސިފައިން މަރުވެފައިވެ އެވެ. އަދި އެހަމަލާގައި އެމެރިކާގެ ހުރިހާ ހަނގުރާމަމަތީ ބޯޓުތަކަށް ގެއްލުންވެ، އޭގެ ތެރެއިން ހަތަރު ބޯޓު އަޑިއަށް ދިޔަ އެވެ.

އެހަމަލާއަށް 75 އަހަރުވިތާ ތިން ހަފްތާ ފަހުން ޕާލް ހާބާއަށް އަބޭ ކުރެއްވި ޒިޔާރަތަކީ ޖަޕާނުގެ ލީޑަރަކު އެމެރިކާގެ ލީޑަރަކާ އެކު ޕާލް ހާބާއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޕާލް ހާބާއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ ޔޮޝިދާ އެތަނަށް ޒިޔާރާތް ކުރެއްވީ 1951ގައި އެމެރިކާއާ އެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރައްވަން އެމެރިކާއަށް ވަޑައިގަތް މަގުމަތީގަ އެވެ.

ބޮޑުވަޒީރު އަބޭ ވަނީ ޕާލް ހާބާއަށް ދިން ހަމަލާގައި މަރުވި ފަރާތްތަކަށް ހަމްދަރުދީ އަދާ ކުރައްވާފަ އެވެ. ނަމަވެސް މިއަހަރުގެ މޭ މަހު ރައީސް އޮބާމާ ޖަޕާނުގެ ހިރޮޝިމާއަށް ކުރެއްވި ޒިޔާރަތުގައި، އެމެރިކާއިން އެސިޓީއަށް ދިން އެޓޮމިކް ހަމަލާއަށް މާފަށް އެދިވަޑައިނުގެންނެވި ފަދައިން އަބޭ ވެސް ޖަޕާނުގެ ހަމަލާއަށް މާފަށް އެދިވަޑައިގެންފައި ނުވެ އެވެ.

އަދި ރައީސް އޮބާމާ ވަނީ ބޮޑުވަޒީރު އަބޭގެ ޒިޔާރަތަށް ޝުކުރު އަދާ ކުރައްވާ، އެއީ ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ބާރު ދައްކުވައިދޭ، ތާރީހީ އިޝާރާތެއް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއިން 1945ގައި ޖަޕާނުގެ ހިރޯޝިމާއަށް ދިން އެޓޮމިކް ހަމަލާގައި ގާތްގަނޑަކަށް 150،000 މީހުން މަރުވި ކަމަށް ލަފާ ކުރެވެ އެވެ. (ބީބީސީ)