20 Jun 2011, 16:47
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އިގުތިސާދީ، އަދި ތިމާވެއްޓާބެހޭ ކަންކަމާއި، ރާއްޖެއާއި ޖަރުމަނުވިލާތާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ތައާރަފް ކުރުމުގަޔާއި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ޖަރުމަނުވިލާތުގެ ސަރުކާރުން ދެމުންގެންދާ އެއްބާރުލުމަށްޓަަކައި ޖަރުމަނުވިލާތުގެ ޗާންސެލަރަށާއި ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި، ރައްޔިތުންނަށް އެމީހުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ރާއްޖެއަށް ގެނެވިފައިވާ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އިންސާނީ ހައްގުތައް ކުރިއެރުވުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން، އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން އަދާކުރާ ދައުރުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބަލައި، ދިރާސާ ކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަކާބެހޭގޮތުން ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވި ކަމަށް އެއޮފީހުން ބުންޏެވެ. އަދި، މި ލަނޑުދަނޑި ހާސިލު ކުރުމަށް، ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ދެމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓުއަރިޒަމް ބިނާވެފައި އޮތީ، ރާއްޖޭގެ ތިމާވެށީގެ މައްޗަށް ކަމަށްވުމާއެކު، ރާއްޖޭގެ އިގުތިސާދަށްޓަކައިވެސް ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތުގައި ރާއްޖެ ތަރައްގީ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯއްދައިދިނުމަށާއި، ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ޖަރުމަނުގެ ގާނޫނުހަދާ މަޖިލީހުގެ ވަފްދުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި، ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އޮމާންކަމާއެކު ޑިމޮކްރަސީ ގާއިމްކުރެވިފައިވާތީ، އެކަން ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.