28 Dec 2016, 09:49
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިޖްތިމާއީ ހަމަޖެހުން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ގުޅިގެން ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ އެކު އިސްލާމިކް މިނިސްޓްރީ އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މުޖުތަމައުގެ އަމާންކަމާއި އިސްތިޤުލާލު ހިފެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކެވަޑައި ގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ވެސް މި ދެ މުއައްސަސާއަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ގުޅޭ މަސައްކަތްތައް ކުރުމުގައި އެކުގައި މަސައްކަތް ކޮށްފައިވާ ދެ މުއައްސަސާކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަރީފު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މި މަސައްކަތް އިތުރަށް ހަރުދަނާވެ ކުރިއަށްވުރެ ހަލުއިކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެން ދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދީނީ ގޮތުން ހައްދުފަހަނައެޅުމާއި އިސްލާމްދީނާ ދެކޮޅުވުމުގެ މައްސަލަތަކާގުޅޭ ގޮތުން ލިބޭ މައުލޫމާތުތައް ދެފަރާތުގެ ދެމެދުގައި ހިއްސާކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ރާވައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް އެއްބަސްވާކަމަށް އެ އެމްއޯޔޫ ގައި ވެއެވެ.