28 Dec 2016, 09:50
ހ. ސޯސަންފުލާވާ ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެގޭގައި އުޅޭ އެއްވެސް ބަޔަކު ވަގުތީ ހިޔާއަށް ބަދަލުކުރަން ނުޖެހޭ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.
އިއްޔެ ހަވީރު އަލިފާން ރޯވި އެއިމާރާތުގެ ހަތް ވަނަ ފަންގިފިލާއަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން އިމާރާތުގެ އެންމެ މަތީ ބުރީގައި ހިނގި އެ ހާދިސާގައި އެތަނުގައި ހުރި ލަކުނޑިތަކެއް އަނދައިފައިވެ އެވެ. އެއީ މީހުން ދިރިނޫޅޭ ބައެކެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕްރޮޖެކްޓާ ހިސާން ހަސަން ވިދާޅުވީ، އެ ހާދިސާގައި އެއްވެސް ބަޔަކު ހާލުގައި ނުޖެހޭ ކަމަށެވެ.
ހ. ސޯސަންފުލާވާ އިމާރާތުގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާ: އަލިފާން ނިއްވާލެވުނީ ބައިގަޑީރެއްހާއިރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސަން އަށް އެނގިފައިވާ ގޮތުގައި އެ އިމާރާތުގެ ހަވަނަ ފަންގިފިލާއާއި ފަސް ވަނަ ފަންގިފިލާއަށް އަލިފާން ނިއްވުމުގެ ތެރެއިން ފެނުގެ އަސަރު ކުރި ނަމަވެސް މާކަބޮޑުގެއްލުމެއް ނުވެ އެވެ.
އެއިމާރާތުގައި އަލިފާން ރޯވި ސަބަބުން ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. މިފަހަކަށް އައިސް މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކު ވަގުތީ ހިޔާތަކަށް ވަނީ ބަދަލުވާންޖެހިފަ އެވެ.