28 Dec 2016, 09:12
މި އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފާ އިސްމާއިލް ހޮވިއްޖެ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ކުރިއަށް ދިޔަ އެތުލެޓިކްސް އެވޯޑް ނައިޓްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އޮލިމްޕިކް ކޮމިޓީ އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު (މަރޭ) އާއި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެންމެ މޮޅު ފިރިހެން އެތުލީޓު ސާއިދު(ވ) އަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް(ކ) އިނާމް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ސާއިދަކީ ގޭމްސް އަކުން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދައިދިން އެތުލީޓެވެ. މި އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ދެ ރިހި މެޑެލް ހޯދި އިރު، މި އަހަރުގެ އިންޑިއަން ގްރޭންޑް ޕްރިކްސް އިން ސާއިދު ވަނީ ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދައިފަ އެވެ. އަދި މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ސާއިދު ރަން މެޑެއްޔެއް ހޯދި އެވެ.
އެންމެ މޮޅު އަންހެން އެތުލީޓު އަފާ(ވ) އަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް(ކ) އިނާމް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އަފާ އަކީ ރާއްޖޭގެ އަންހެން ދުވުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އެވެ. ސައުތު އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ދުވެ ގައުމީ ރެކޯޑް އާކުރި ދުވުންތެރިންގެ ތެރޭގައި އަފާ ހިމެނުނު އިރު، އޮލިމްޕިކް ގޭމްސްގެ 200 މީޓަރު ދުވުމުގައި ވާދަކޮށް އަފާ ވަނީ ގައުމީ ރެކޯޑު އާކޮށްފަ އެވެ. މިއަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަފާ ވަނީ ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔެއް ހޯދައިފަ އެވެ.
އެތުލެޓިކްސް އެވޯޑް ނައިޓްގެ ތެރެއިން: ރާއްޖޭގެ އެތުލީޓުންގެ އަގުވަޒަން ކުރުމުގެ ގޮތުން ގިނަ އެވޯޑްތަކެއް ވަނީ ދީފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި މިއަހަރުގެ ބައިނަލްއަގުވާމީ މުބާރާތްތަކާއި ގައުމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑްތައް ދީފައިވެ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެތުލެޓިކްސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ވެސް އަގުވަޒަން ކޮށްފައިވެ އެވެ.