28 Dec 2016, 00:23
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ރާއްޖެ އިން ހޯދައިފި އެވެ.
ބަންގްލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ތިންވަނަ ހޯދީ މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން މޮޅުވެގެންނެވެ.
މިއަދު ކުޅުނު އެ މެޗުގައި ނޭޕާލްގެ މައްޗަށް ރާއްޖެ ކުރި ހޯދީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-22 އިން ރާއްޖެ އިން ގެންދިޔަ އިރު، ދެ ވަނަ ސެޓު ރާއްޖެ އިން ގެންދިޔައީ 25-14 އިންނެވެ. ތިން ވަނަ ސެޓު 19-25 އިން ނޭޕާލް ގެންދިޔަ ނަމަވެސް، ފަހު ސެޓު ރާއްޖެ އިން ގެންދިޔައީ 25-21 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާއްޖޭގެ ހަސަން ނިލާމް އެވެ.
ރާއްޖެ އަށް މިއަހަރުގެ މުބާރާތުގެ ތިންވަނަ ހޯދި އިރު، މިދިޔަ އަހަރު ރާއްޖެ އިން ރަނަރަޕްކަން ހޯދާފައިވެ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ރާއްޖެ ބަލިވެފައި ވަނީ ތުރުކުމެނިސްތާން އަތުންނެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދި އިރު، ރަނަރަޕްކަން ހޯދީ ކިރްގިސްތާން އެވެ. ބަންގްލަދޭޝް އިން ވަނީ ފައިނަލުގައި ކިރްގިސްތާން އަތުން މޮޅުވެފަ އެވެ.
އެ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި އިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލީގު ބުރުގައި ބަންގްލަދޭޝް އާއި، ނޭޕާލް އަދި ކިރްގިސްތާން އަތުން ރާއްޖެ ބަލިވި އިރު ރާއްޖެ މޮޅުވެފައި ވަނީ އަފްޣާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.