27 Dec 2016, 23:10
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ލޯނު ލިބޭނެ ފައިނޭންސިން ފެސިލިޓީއެއް ގާއިމް ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއެކު އެއްބަސްވެއްޖެއެވެ.
އެކަމާގުޅޭ އެއްބަސްވުންތަކުގައި އެމްއައިބީ އާއި އައިޔޫއެމްއިން ވަނީ މިއަދު ސޮއިކޮށްފައެވެ.
އައިޔޫއެމް އިން ބުނީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީގައި ކިޔެވުމަށް އެމްއައިބީގެ ފަރާތުން އެއްވެސް ރަހުނަކާ ނުލައި، ގިނަވެގެން 250،000 ދިވެހި ރުފިޔާ ދޫކުރާނެ ކަމަށެވެ.
ނަގާ ފައިސާ، ކޯހުގައި ކިޔަވަމުން އަދި ކިޔެވުން އެއްކޮށް ނިންމުމަށްފަހު ތިން އަހަރުގެ ތެރޭގައި ވެސް އެ ދެއްކޭއިރު މުސާރައިން އުނިކުރެވޭ ގޮތާއި މުސާރައިން ޓްރާސްފާ ކުރެވޭ ގޮތަށް ވެސް ފައިސާ އަނބުރާ ދެއްކޭނެއެވެ.
ނަމަވެސް މުސާރައިން އުނިކުރެވޭ ގޮތަށް ފައިސާ ދެއްކޭނީ އެމްއައިބީ އާއެކު އެއްބަސްވެފައިވާ މުއައްސަސާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެކަނި ކަމަށް އައިޔޫއެމް އިން ބުނެއެވެ.
އެމްއައިބީގެ ފައިނޭންސި ފެސިލިޓީއަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތައް؛
އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތަކަށްވުން
- މެދުނުކެނޑި ދެ އަހަރު ދުވަހު ވަޒީފާގައި އުޅެމުންދާ ފަރާތެއްކަމުގައިވުން
- ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ޖުމްލަ 6000 ދިވެހި ރުފިޔާ ލިބޭ ފަރާތެއްކަމުގައިވުން
އައިޔޫއެމް އިން ބުނީ، ފައިނޭންސި ފެސިލިޓީގެ ޝަރުތުތައް ހަމަނުވާނަމަ ހިދުމަތައް އެދޭ މީހެއްގެ އިތުރުން ކޯ އެޕްލިކެންޓެއް ފޯމުގައި ސޮއިކުރަންޖެހޭނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް ޔުނިވަސިޓީގައި ކިޔަވާ ގިނަ ދަރިވަރުންނަކީ މާލޭގައި ވަރަށް ދަތިކޮށް ދިރިއުޅެމުން ކިޔަވާ ދަރިވަރުން ކަމަށެވެ.
އެހެންކަމުން ކިޔަވައި ނިމެންދެން ކޯހަށް ބޭނުންވާ ފައިސާ ލޯނެއްގެ ގޮތުގައި ނަމަވެސް ލިބޭނެ ފަސޭހަ މަގެއް ފަހިވުމަކީ ދަރިވަރުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެމްއައިބީގެ ސީއީއޯ ހާރިސް ހާރޫން ވިދާޅުވީ، އެމްއައިބީން ފެސިލިޓޭޓް ކޮށްދިނުމަށް އިސްކަންދެނީ ކޮމާޝަލް ޕްރޮޖެޓް ތަކަށް އެކަނި ނޫން ކަމަށާއި މުޖުތަމައު ކުރިއަރުވައި، ތައުލީމް ފަދަ މުހިއްމު ދާއިރާއެއްގެ ކުރިއެރުމަށް އެހީތެރިވުމަކީ އެ ކުންފުނީގެ މުހިއްމު ޒިންމާއެއް ކަމަށެވެ.