ސިކުނޑި ހަމަނުޖެހޭ އަންހެނަކު ވަޅި އެއް ހިފައިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި އުޅެނިކޮށް އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއެހާކަންހާއިރު ސިކުނޑި ހަމަނުޖެހޭ މެދު އުމުރުގެ އަންހެނަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަޅި އެއް ހިފައިގެން އުޅެނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭރު އޭނާގެ އަތުގައި ކޮންމެ ވެސް ވަރެއްގެ ޒަހަމް ތަކެއް ފެންނަން ހުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

"އެ މީހާ މިއަދު ހެނދުނުން ސުރެ މާލެ ތެރޭ އެކި ސަރަހައްދު ތަކުގައި އުޅެއުޅެފައި އާޓިފިޝަލް ބީޗް ގައި ވަޅި އެއް ހިފައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ. މިހާރު ވެސް އެބައިން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިންދާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ އަންހެން މީހާ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވަޅި އެއް ހިފައިގެން އުޅެނިކޮށް ފުލުހުން އެ ސަރަހައްދަށް ދިއުމުން ނުދާން ގަދަ ހެދި ކަމަށެވެ. އަދި ތިމަންނަ މިއުޅެނީ އަމިއްލަ އަށް މަރުވާށޭ ކިޔާ ހެދި ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.