27 Dec 2016, 20:26
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ޔޮޓް ޓުއާސް މޯލްޑިވްސް އަށް ދޫކޮށްފައިވާ ހއ. ބީނާފުއްޓާއި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު އަނބުރާ ސަރުކާރަށް ނެގީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ރަށާއި ފިނޮޅު އަނބުރާ ސަރުކާރަށް ނެގުމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ފޮނުވި ނޯޓިސް އަކީ ލީސް އެގްރީމެންޓާ އެއްގޮތަށް ފޮނުވާފައިވާ ނޯޓިސްއެއްކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އޮކްޓޯބަރު 22،2013 ގައި ސޮއިކުރި ލީސް އެގްރީމެންޓް ބާތިލްކުރަން ފޮނުވި ނޯޓިސް އަކީ ބާތިލް ނޯޓިހެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
ދައުވާގައި ޔޮޓް ޓުއާސް އިން ކުރި ދައުވާގައި ބުނެފައި ވަނީ ހއ. ބީނާފުއްޓާއި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅުގެ ބިމުގެ ބޮޑުމިން ކަށަވަރުކުރެވި އަދި ދެ ބިމުގެ ކުލި ދައްކަން ޖެހިފައިވަނިކޮށް ލީސް އެގްރީމެންޓުގެ މާއްދާއަކާ މެދު ދެ ފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވަނިކޮށް، ކުއްޔާއި ޖޫރިމަނާ ނުދައްކާ ކަމަށް ބުނެ ލީސް އެގްރީމެންޓް ބާތިލްކުރީ ކަމަށެވެ. އެ ކުންފުނިން އެދުނީ އެ ހާލަތުގައި ލީސް އެގްރީމެންޓް ބާތިލް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ރަށާއި ފިނޮޅު އަނބުރާ އަތުލީ އެ މިނިސްޓްރީން އެންގި މުއްދަތުގެ ތެރޭގައި ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާތީއެވެ.