ރޮމޭނިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް މުސްލިމު އަންހެން ބޭފުޅަކު އައްޔަންކުރުމަށް އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ހުށަހެޅި ހުށަހެޅުން ރޮމޭނިއާގެ ރައީސް ކުލައުސް ޔޮހޭނަސް އަނބުރާ ފޮނުއްވާލައްވައިފިއެވެ.

ސޯޝަލް ޑިމޮކްރެޓް ޕާޓީ (ޕީއެސްޑީ) އިން ހުށަހެޅުއްވީ މައިނޯރިޓީ މުސްލިމް އާބާދީއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އެކޮނޮމިސްޓެއް ކަމަށްވާ، ސެވިލް ޝައިދާގެ ނަންފުޅެވެ. އޭނާގެ ނަންފުޅު ބަލައިނުގަތް ސަބަބެއް ރައީސް ކުލައުސް ޔޮހޭނަސް ހާމައެއް ނުކުރައްވައެވެ.

ނަމަވެސް އެގައުމުގެ ރީޖަނަލް ޑެވެލޮޕްމަންޓް މިނިސްޓަރުގެ މަގާމް ހަ މަސް ދުވަސް ވަންދެން އަދާކުރައްވާފައިވާ ޝައިދާގެ ސިޔާސީ ތަޖުރިބާ ނެތްކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުވިދާޅުވެފައެވެ.

"ހުށަހެޅުމަށް ލިބުނު ފާޑުކިޔުންތައް ރަނގަޅަށް އެނަލައިޒް ކުރެއްވުމަށްފަހު މި ޕްރޮޕޯސަލް ގަބޫލުނުކުރައްވަން ނިންމަވައިފިން،" ޓީވީ މެދުވެރިކޮށް ރޮމޭނިއާގެ ރައީސް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އަދި ބޮޑުވަޒީރުގެ މަގާމަށް އިތުރު ބޭފުޅެއްގެ ނަން ފޮނުއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރޮމޭނިއާގެ ރައީސްގެ އެ ނިންމެވުމާއެކު ގިނަ ބަޔަކު ވަނީ ބޮޑުވަޒީރުގެ މަގާމަށް ޝައިދާ އައްޔަންކޮށްފިނަމަ ޕީއެސްޑީގެ ލީޑަރު ލިވިއުު ޑްރެގްނީ ގެ "ޕަޕެޓަކަށް" ވެދާނެ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޕީއެސްޑީން ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ވޯޓުގެ 45 ޕަސެންޓް ކާމިޔާބުކޮށްފައެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އެލަޔަންސް އޮފް ލިބެރަލްސް އެންޑް ޑިމޮކްރެޓްސް އާއެކު ޕީއެސްޑީ އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ.

ރޮމޭނިއާގެ ގާނޫނު ބުނާގޮތުންނަމަ، އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ރައީސް އައްޔަންކުރައްވާނީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރެވެ.

ނަމަވެސް އިންތިހާބެއްގައި މަގާމުގެ ނުފޫޒާއި ބާރު ބޭނުން ކުރިކަމުގެ ކުށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސާބިތުވެ ޕީއެސްޑީގެ ރައީސް ލިވިއުު ޑްރެގްނީ ވަނީ ބޮޑުވަޒީރުގެ މަގާމަށް ވާދަނުކުރެވޭ ގޮތަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ.