27 Dec 2016, 23:44
މެކްސިކޯ ސިޓީ (ޑިސެމްބަރު 27): މެކްސިކޯގެ އަަންހެން ކުއްޖަކަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަކަށް ކުރި ވީޑިއޯ ދައުވަތެއް ވައިރަލް ވުމުން، އެތައް ހާސް ބަޔަކު ދިޔަ ޕާޓީއެއްގައި އެކަކު މަރުވެއްޖެ އެވެ.
މެކްސިކޯގެ މެދުތެރޭގައި އޮންނަ ލަ ޖޯޔާ ކޮމިއުނިޓީގައި އޮތް ރޫބީ އިބާރާ ނަމަކަށް ކިޔާ ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީގައި މީހަކު މަރުވެފައި ވަނީ އެހަފްލާގެ ތެރެއިން ބޭއްވި އަސް ރޭހެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެހާދިސާގައި މަރުވި ފީލިކްސް ޕީނާ ވަނީ އެ އަސް ރޭހުގައި އޭނާގެ އަހެއް ބައިވެރިކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ރޫބީގެ ޕާޓީއަށް "ހުރިހާ އެންމެންނަށް" ދައުވަތު ދެމުން އޭނާގެ ބައްޕަ ޕޯސްޓު ކުރި ވީޑިއޯގައި، އެޕާޓީގައި ކެއުމާއި، ތިން ބޭންޑުން މިއުޒިކު ކުޅުމުގެ އިތުރުން، އަސް ރޭހެއް އޮންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި އަސް ރޭހުން މޮޅުވާ ފަރާތަކަށް 490 ޑޮލަރުގެ އިނާމެއް އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޫބީގެ ޕާޓީއަށް އެތައް ހާސް މީހުން ހާޒިރުވެފައިވޭ -- ފޮޓޯ: ފޭސްބުކް
އެވީޑިއޯ ޕޯސްޓު ކުރި ފަހުން 800،000 ފަހަރު އެވީޑިއޯ ޝެއާ ކޮށްފައިވެ އެވެ. އަދި 1.2 މިލިއަން މީހުން ވަނީ ޕާޓީއަށް ދާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެޕާޓީއާ ދިމާކޮށް މެކްސިކޯގެ އެއާލައިން އިންޓަޖެޓުން ވަނީ ޕާޓީ އޮތް ސިޓީއަށް ދަތުރު ކުރާ މީހުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮަސްފަ އެވެ. "ރޫބީގެ 15 ވަނަ އުފަންދުވަހުގެ ޕާޓީއަށް ދަންތަ؟"، އެނަން ދީފައިވާ ޕްރޮމޯޝަނުގައި އެސިޓީއަށް ދަތުރު ކުރި މީހުންނަށް 30 ޕަސެންޓު ޑިސްކައުންޓެއް ދީފައިވެ އެވެ.
ރޫބީގެ ބައްޕަ ކްރެސްކެންސިއޯ އިބާރާ ބުނި ގޮތުގައި އޭނާ އެދައުވަތު ފޮނުވީ އަވަށްޓެރިންނަށާއި އެކުވެރިންނަށެވެ. ނަމަވެސް އެޕާޓީއަށް ހާޒިރުވި އެއްވެސް މީހަކު އަނބުރާ ފޮނުވާނުލާ ކަމަށްވެސް އޭނާ ބުންޏެވެ. (ބީބީސީ)