މޮސްކޯ (ޑިސެމްބަރު 27) : މިދިޔަ އާދީއްތަ ދުވަހު ކަޅުކަނޑަށް ވެއްޓުނު ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުގެ ކަޅުފޮއްޓަށް ގެއްލުމެއް ނުލިބޭ ކަމަށާ އެ ފޮށީގައިވާ މައުލުމާތު ނަގައި ތަހްލީލް ކުރުމުގެ މަސައްކަތް ފަށައިފިކަން އެގައުމުން ހާމަކޮށްފިއެވެ.

ރަޝިޔާގެ އޭވިއޭޝަނާބެހޭ މަސްއޫލުވެރިން ވިދާޅުވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ގައި އުފައްދާފައިވާ ޔޫ 154 މަރުކާގެ އަސްކަރީ ބޯޓުގެ ކަޅުފޮށި ސަލާމަތުން އޮތުމުން އެބޯޓު ވެއްޓުނީ ބޮމެއްފަދަ ކަމެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމުގައެވެ. ކަޅުފޮށި ތަހްލީލްކުރާ ޓީމުގައި ހިމެނޭ ރަޝިޔާގެ ފަންނީ މަސްއޫލުވެރިއަކު ވިދާޅުވީ ކަޅުފޮށި ފެނުނީ ކަޅުކަނޑުގެ އެންމެ އަޑިންކަމަށްވިޔަސް އެ ފޮއްޓަށް ގެއްލުމެއް ލިބިފައިނުވާކަމުގައެވެ. އެހެންކަމުން ކަޅު ފޮށީގައިވާ މައުލޫމާތު ތަހްލީލް ކުރުމުން ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދަނެގަނެވޭ ކަމުގެ އުންމީދު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫ 154 މަރުކާގެ އަސްކަރީ ބޯޓު ވެއްޓުނީ ރަޝިޔާގެ ރެސޯޓް ރަށެއްކަމަށްވާ ސޫޗީ ގެ ކައިރީގައިވާ އެއަރޕޯޓަކުން ނައްޓާލިތާ އެއްމިނިއްޓުވެސް ނުވަނީސް އެވެ. އޭރު އެސަރަހައްދުގެ މަތިން ސްނޯގެ ތޫފާނެއް ދަތުރުކުރަމުން ދިޔަކަމަށްވެއެވެ. ވެއްޓުނު ބޯޓުން ދަތުރުކުރީ ރަޝިޔާގެ ސިފައިންނާއި އަސްކަރީ ތަޖްރިބާކާރުންނެވެ.

ކަޅުފޮށި ހޯދުމަށް ރަޝިޔާއިން ކަޅުކަނޑުގައި މަސައްކަތް ކުރަނީ

ފަޅުވެރިންނާއެކު އެބޯޓުން ދަތުރުކުރި 92 މީހުން އެޙާދިސާގައިވަނީ މަރުވެފައިވާއިރު އޭގެތެރެއިން ގިނަ މީހުންގެ ހަށިތައް ކަޅުކަނޑުން ވަނީ ފެނިފައެވެ. އެބޯޓު ދަތުރުކުރީ ސޫޗީ ގެ ކައިރީގައިވާ އެއަރޕޯޓަކުން ސޫރިޔާގެ ލާޒިގިއްޔާ އެއަރޕޯޓަށެވެ.

ވެއްޓުނު ބޯޓު ރާޑަރަށް ގެއްލުމުގެ ކުޑައިރުކޮޅެއް ކުރިން އޭގެ ޕައިލެޓްވަނީ ބޯޓާ މައްސަލަތަކެއް ކުރިމަތިވިކަން ބަޔާންކޮށްފައެވެ. މިޙާދިސާއާ ގުޅިގެން ރަޝިޔާއަށްވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ކުރިމަތިވެފައެވެ. ޔޫ 154 މަރުކާގެ މަތިންދާބޯޓުތަކަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ ޓޮޕޮލީވް މަރުކާއަށް ނިސްބަތްވާ ބޯޓުތަކެކެވެ.

މަދުވެގެން 33 އަހަރު ވެފައިވާ މި މަރުކާގެ ބައު ބޯޓުތަކަށް މިފަހަކަށް އައިސް ދަނީ ފަންނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންނެވެ. ރަޝިޔާއިން މިހާރު ގެންދަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަސްކަރީ މަތިންދާބޯޓުތައް އުފައްދަމުން ކަމަށްވިޔަސް ޔޫ 154 މަރުކާގެ ބޯޓުތައްވެސް ރަޝިޔާ ސިފައިން އަދިވެސް ބޭނުންކުރަމުން ގެންދެއެވެ. ކަޅު ފޮށި ހޯދުމަށްޓަކައި ރަޝިޔާ ވަނީ ކަޅުކަނޑުގައި ތިން ދުވަސްވަންދެން އަތްފުނާ އަޅާފައެވެ. (ރަޝިޔާގެ މީޑިޔާ)