މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އަންނަ އަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ޑިސެމްބަރު މަހު ސްކޫލް ބަންދާ ދިމާކޮށް 15 ދުވަހުގެ އެ އުމްރާ ދަތުރުގައި މަސްޖިދުލް ހަރަމް އަށާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުމުގެ އިތުރުން އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ އުމްރާ ދަތުރުގެ އަގަކީ 23،965 ރުފިޔާ އެވެ. ނަމަވެސް ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ގްރޫޕެއް ރަޖިސްޓްރީކުރާނަމަ ހާއްސަ ޑިސްކައުންޓެއް ލިބޭއިރު ކުޑަކުދިންނަށް ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ދެ ހަރަމް އުމްރާ ދަތުރުގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރައްވާއިރު ފޯމާ އެކު މަދުވެގެން 1000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އުމްރާއަށް ރަޖިސްޓްރީ ކުރެއްވުމަށް އެދި ފޯމް ފުރުމަށްފަހު ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗްތަކުން ރަޖިސްޓްރީ ކުރެވޭއިރު، ޑިސެމްބަރު އުމްރާއަށް ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ ތިން ހަރަމް އުމުރާ ދަތުރު ޕެކޭޖް

  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

  • މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ މަންޒިލްތަކެއްގެ ދަތުރު ހަރަދު
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދުމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • 15 ދުވަހުގެ ހުރުމާއި ކެއުން
  • މައްކާ އަދި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް
  • ޢުމްރާ ކިޓް (ލަގެޖް ފޮށި، ހޭންޑް ލަގެޖް، ޓޮއިލެޓްރީ ދަބަސް، އުނަގަނޑު ދަބަސް، އިޙްރާމް، ހިޖާބް ފޮތި، ޢުމްރާ އަތްމަތީ ފޮތް، ޢުމްރާ ދުޢާ ކާރޑް، ހައްޖު އަދި އުމްރާ ކުރާނެ ގޮތުގެ ޑީވީޑީ، ދަތުރުގެ ފޮޓޯތައް ހިމެނޭ 08 ޖީބީގެ ޕެންޑްރައިވް
  • އެހެނިހެން ޚިދްމަތްތައް