27 Dec 2016, 16:36
އިންޑިއާގެ ޖެޓް އެއާލައިންސްގެ ފްލައިޓެއް ގޯއާގެ ޑަބޮލިމް އެއާޕޯޓުގެ ރަންވޭ މަތިން ކައްސާލައި، ބައެއް ފަސިންޖަރުންނަށް އަނިޔާވެއްޖެ އެވެ.
ގޯއާއިން މުމްބާއީއަށް ދިއުމަށް ނައްޓާލަން ދިޔަ ޖެޓް އެއާވޭސްގެ ފްލައިޓު ރަންވޭ މަތިން ކައްސާލީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ޖެޓް އެއާވޭސްއިން ބުނެ އެވެ.
ރޮއިޓާސް އިން ރިޕޯޓު ކުރާ ގޮތުގައި، ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ވަނީ އަނިޔާވެފައެވެ. ބައެއް ފަސިންޖަރުން ސްޓްރެޗަރުތަކުގައި ސިއްހީ އެހީތެރިކަން ހޯދުމަށް ގެންދިޔަ އިރު، ބައއެއް ފަސިންޖަރުންގެ ފަޔާއި އަތް ފަދަ ތަންތަން ބިންދައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.
ޖެޓް އެއާވޭސްގެ އެއާކްރާފްޓުގެ ކުރީކޮޅު އޮތީ ބިންމަތީގައި ޖެހިފަ އެވެ. އަދި ބޯޓުގެ އެއް ފިޔަގަނޑާއި އިންޖީނުވެސް އޮތީ ނެއްޓިފަ އެވެ.
ބައެއް ފަސިންޖަރުން ބުނި ގޮތުގައި، ފްލައިޓު ނައްޓާލުމަށް ދިއުމަށް ޓަކައި ޓެކްސީކުރަމުން ދިޔަ ވަގުތު، ފްލައިޓުގެ ކެބިން ތެރެއިން ދުން ވެސް އެރި އެވެ.
އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ޖެޓް އެއާވޭސްގެ ތަރުޖަމާނަކު ވިދާޅުވީ މި ހާދިސާ ތަހުގީގުކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި އިންޑިއާގެ ސިވިލް އޭވިއޭޝަން އިދާރާއާ ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.