27 Dec 2016, 16:32
ޖަކާޓާ (ޑިސެމްބަރު 27): އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގެއަކުން ވައްކަން ކުރަން ވެގެން އެގޭގައި ތިބި މީހުން ފާހާނާއަކަށްލާ ބަންދު ކުރުމުން ނޭވާ ނުލެވިގެން ހަ މީހަކު މަރުވެއްޖެ އެވެ.
ޖަކާޓާ ފުލުހުންގެ ތަރުޖަމާނު އާގޯ ޔުވޯނޯ ވިދާޅުވި ގޮތުގައި އެސިޓީގެ ގެޔަކަށް އިއްޔެ ވައްކަން ކުރަން ވަތް ބަޔަކު ވަނީ އެގޭގައި ދިރިއުޅެމުން ދިޔަ އާއިލާ އާއި މެއިޑުންނާއި ޑްރައިވަރު ހިމެނޭ ގޮތަށް 11 މީހަކު ފާހާނާއެއްގައި ބަންދުކޮށްފަ އެވެ.
އޭގެ ސަބަބުން ނުވަ އަހަރުގެ ކުޑަ ކުއްޖަކާއި އިތުރު ފަސް މީހަކު ނޭވާ ނުލެވިގެން މަރުވެފައި އޮއްވާ ފެނުނީ މިއަދު ކަމަށް ޔުވޯނޯ ވިދާޅުވި އެވެ.
ވައްކަން ކުރުމުގައި ބައިވެރިވީ ގާތްގަނޑަކަށް ހަތަރު މީހުން ކަމަށް ފުލުހުން ލަފާކޮށްފައިވާ އިރު އެހަތަރު މީހުން ތިބީ ބަޑި އާއި ވަޅި ހިފައިގެން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
އެހާދިސާގައި ސަލާމަތްވި މީހުންގެ ހާލު ސީރިއަސް ކަމަށާއި އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ރޮއިޓާސް)