27 Dec 2016, 16:35
އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި، އިންޑިގޯ އަދި ސްޕައިސްޖެޓްގެ ދެ މަތިންދާބޯޓުގެ "ކުރިމަތިލުމެއް" ހިނގައިފި އެވެ.
ހިންދުސްތާން ޓައިމްސް ރިޕޯޓު ކުރާ ގޮތުގައި، ދެ އެއާކްރާފްޓު އެކްސިޑެންޓް ނުވީ ހަމަ ކިރިޔާ އެވެ.
ލަކްނޯ އިން އައި އިންޑިގޯގެ ފްލައިޓު ދިއްލީގައި ޖެއްސުމަށް ފަހު، ޓެކްސީ ކުރަމުން ދިޔަ ވަގުތު، ދިއްލީ އިން ހައިދަރުއާބާދަށް ނައްޓާލުމަށްޓަކައި ސްޕައިސްޖެޓްގެ ފްލައިޓެއް ދިޔައީ ރަންވޭގެ ކޮޅަށް ދަތުރުކުރަމުންނެވެ.
ދެ އެއާލައިނުން ވެސް ބުނީ، ރަންވޭގައި ކުރިމަތިން އަނެއް އެއާކްރާފްޓު ފެނުނު ވަގުތު، ދެ އެއާކްރާފްޓުން ވެސް ވަނީ ވަގުތުން އިންޖީނު ހުއްޓާލައި، އެއާ ޓްރެފިކް ކޮންޓްރޯލަށް އެކަން އަންގާފައި ކަމަށެވެ.
ދިއްލީ އެއާޕޯޓުގައި ދެ ފްލައިޓު "ފޭސް ޓު ފޭސް" އެކްސިޑެންޓެއް ނުހިނގީ ކިރިޔާ އެވެ. ދެ އެއާލައިނުން ވެސް ބުނާ ގޮތުގައި، އެފަރާތުން އަމަލުކުރަމުން ދިޔައީ އެއާ ޓްރެފިކް ކޮންޓްރޯލުގެ އިރުޝާދުގެ ދަށުންނެވެ.
ސްޕައިސްޖެޓާއި އިންޑިގޯއިން ބުނީ، އެ ދެ އެއާލައިނަށް ވެސް އެންމެ މުހިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި، ދިއްލީ އެއާޕޯޓުގައި މިއަދު ދިމާވި ހާލަތާ ގުޅިގެން އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، އިންޑިއާގެ ސިވިލް އޭވިއޭޝަނާ ބެހޭ އިދާރާއިން ދަނީ ތަހުގީގު ކުރަމުންނެވެ،
ފިނި މޫސުމުގެ ދުވަސްވަރު ކަމުންނާއި، ދިއްލީގެ ވައި ތަޣައްޔަރުވެފައި އޮތުމުގެ ސަބަބުން، ދުންފިންޏާއި ދުމާއި އެކުވެ، ދިއްލީ ސަރަހައްދުގައި ވިޒިބިލިޓީ ވަރަށް ދަށެވެ. އެހެންކަމުން، ރަންވޭ މަތީގައި ފްލައިޓު އޮތް އިރު، އެހެން އެއާކްރާފްޓެއް ނުފެނުމަކީ ހިނގާފާނެ ކަމެކެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަތްވަނަ އަހަރު، އެޓްލާންޓިކް ކަނޑުގައި އޮންނަ ސްޕެއިންގެ ކެނެރީ އައިލެންޑްސް ޖަޒީރާގެ ޓެނަރިފް އެއާޕޯޓުގައި، އެއާ ޓްރެފިކް ކޮންޓްރޯލުގެ އިރުޝާދުތައް އޮޅި، ފްލައިޓެއް ޓެކްސީ ކުރަމުން ދިޔަ ވަގުތު އަނެއް ފްލައިޓު ފުރުމަށް ނައްޓާލުމުގެ ސަބަބުން ދެ ފްލައިޓު ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. ރޯޔަލް ޑަޗް އެއާލައިންސް (ކޭއެލްއެމް)އާއި ޕޭން އެމެރިކަން އެއާވޭސްގެ ދެ ފްލައިޓު ޖެހި ހިނގި މި އެކްސިޑެންޓުގައި 500 އަށް ވުރެ ގިނަ މީހުން މަރުވި އިރު، މިއީ އޭވިއޭޝަން ދާއިރާގައިހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.