މީގެ ފަސް އަހަރު ކުރިން ވިލުފުށީ ކައިރިން ފެނުނު 12 ފޫޓުގެ ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ވިލުފުށީ ކައުންސިލް މެމްބަރު އިބްރާހިމް ޝާފިއު ވިދާޅުވީ، އެ ކިނބުލަކީ ވިލުފުއްޓާ 300 ފޫޓެއްހާ ކައިރީގައި އޮންނަ ހޮނޑަލިފުށި ނަމަކަށް ކިޔާ ފަޅު ރަށަކުން 2011 ވަނަ އަހަރުގެ ތެރޭގައި ފެނުނު ކިނބުލެއް ކަމަށެވެ.

އޭރު އޭތީގެ ބޮޑުމިނުގައި ގާތްގަނޑަކަށް ދެ ފޫޓު ހުރި އިރު، އެ ކިނބޫ ގެންގުޅެމުން ދިޔައީ ފެން ޓޭންކެއްގަ އެވެ.

ނަމަވެސް އެ ކިނބޫ އެމްއެންޑީއެފްއާ ހަވާލުކުރަން ނިންމީ، މިހާރު އެ ކިނބޫ 12 ފޫޓަށް ބޮޑުވެ އެކަމުގެ ސަބަބުން ރަށު ރައްޔިތުންނަށް ނުރައްކަލެއް ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޝާފިއު ވިދާޅުވި އެވެ.

"ކުރިން ކިނބޫ އޮންނާނީ މަތިން ދާ ޖަހާފައި އޮތް ޓޭންކެއްގެ ތެރޭގައި. އެއަށް ވިޒިޓް ކޮށްލަންދާ އާއްމުން އެޔަށް ކާންވެސް ދޭނީ. އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައެއް ނޫން އޮތީ. އެކަމަކު އޭތި މިހާރު ބޮޑުވެ، ރަނގަޅަށް ކާންދީ ނުބެލެހެއްޓޭތީ ސިފައިންނާ އިއްޔެ ހަވާލުކުރީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، ވިލުފުށިން 12 ފޫޓުގެ ކިނބުލެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.