އިސްލާމްއާބާދު (ޑިސެމްބަރު 27): ޕާކިސްތާނުގެ ޕަންޖާބުގައި ވިހަ ރަލެއް ބުއިމުގެ ސަބަބުން 26 މީހަކު މަރުވެއްޖެ އެވެ.

ޕަންޖާބުގެ ތޮބާ ޓެކް ސިންހު ސިޓީގައި ވިހަ ރަލެއް ބޮއެގެން މަރުވީ 24 ކްރިސްޓިއަނުންނާއި ދެ މުސްލިމެކެވެ. އަދި އިތުރު 40 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޕޮލިސް އޮފިސަރު މުހައްމަދު ނަދީމް ވިދާޅުވި އެވެ.

ޕާކިސްތާނުގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރާ މުސްލިމުން ރާ ގަނެ، ބުއިމަކީ މަނާ ކަމެކެވެ. އަދި މުސްލިމް ނޫން މީހުން ރާ ގަންނަން ހުއްދައެއް ހޯދަން ޖެހޭނެ އެވެ.

އޭގެ ސަބަބުން އަމިއްލަ ގެތަކުގައި ބަނގުރާ ކައްކައިގެން ވިއްކުމަކީ ޕާކިސްތާނުގައި އާއްމު ކަމެކެވެ. ނަމަވެސް އެފަދަ ބުއިންތަކުގައި ވިހަ މާއްދާއެއް ކަމަށްވާ މެތަނޯލް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް ވިހަ ރަލެއް ބޮއެގެން ޕާކިސްތާނުގެ 11 މީހަކު މަރުވެފައިވާ އިރު އެފަދަ ހާދިސާއެއްގައި 2014 ވަނަ އަހަރު 40 މީހަކު މަރުވެފައިވެ އެވެ. (ބީބީސީ)