10 May 2010, 10:15
14:30
މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ސަރުކާރު ގެޒެޓްގައިވާ ސިވިލް ސާވިސް ކޮމިޝަންގެ އިޢުލާނެއްގައި ބުނެފައިވަނީ މި މަހުގެ 18 ގެ ކުރިން ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވަން ބޭނުން ފުޅުވާ ފަރާތްތައް ވަނަ ވަރާއެކު އެކަމަށް އެދި އެކޮމިޝަނަށް ހުށަހެޅުމަށެވެ. އަދި ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި ބެލެހެއްޓެވި އިސް މުވައްޒަފެއްގެ ނުވަތަ ސްޕަވައިޒަރަކު އެފަރާތަކާ މެދު ދެކޭގޮތުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް ސީއެސްސީގެ އެ އިއުލާންގައިވެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ.ސީނާ މޫސާ ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެމަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.