27 Dec 2016, 13:54
އާ އަހަރާ ގުޅިގެން ރެކޯޑް އަދަދަކަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓް އޮންނާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން ބުނެފި އެވެ.
މީގެ ކުރިން ވެސް އާ އަހަރު ފާހަގަކުރުމަށް ގިނަ އަދަދެއްގެ މުއްސަދިން އަމިއްލަ ޖެޓްތަކުގައި ރާއްޖެ އާދެ އެވެ. ނަމަވެސް މާލޭ އެއާޕޯޓްގައި ޖާގަނެތުމުގެ ސަބަބުން ރާއްޖެ އަންނަ ޖެޓްތައް އެއާޕޯޓްގައި ޕާކް ނުކުރެވިގެން ޖެހެނީ އަވައްޓެރި ގައުމުތަކަށް ދާށެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ސަން އަށް ވިދާޅުވީ އެއާޕޯޓް ތަރައްގީ މަޝްރޫތަކާ އެކު އެއާޕޯޓުގެ ޖާގަ އިތުރުކުރެވިގެންދާ އިރު އާއަހަރާ ދިމާކޮށް އެއެއާޕޯޓަށް ރެކޯޑް އަދަދަކަށް ޖެޓް ޕާކް ކުރާނެ ކަމަށެވެ.
"ޖެނުއަރީ ފުރަތަމަ ދުވަހު 53 ޖެޓް އޮންނާނެ އެއާޕޯޓުގައި، އެއީ ރެކޯޑް އަދަދެއް، މިހާރު އެކޮމެޑޭޓް ކުރަން ޖާގަ އެބަހުރި،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޖެޓްތަކުގެ ޕާކިންއާ އެކު އެއާޕޯޓް މެދުވެރިކޮށްލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ވެސް އާ އަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ރާއްޖެ އައިސް އެބައުޅެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން މިހާރު އަންނަނީ އެ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ކުރަމުންނެވެ. ތަރައްގީގެ މަސައްކަތްތައް 2018 ވަނަ އަހަރާ ހަމައަށް ނިންމުމަށް ނިންމާފައިވާ އިރު އެއާޕޯޓް ހިއްކުމާއި ދެ ވަނަ ރަންވޭ އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.